ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް މިއަދު ފުރާވަޑައިގެންފިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހު ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ އުމްރާނީ ބައެއް މަޝްރޫތައް ނިންމައި ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހުކޮށްދެއްވާނެއެވެ. މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ހިމެނެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ހިދުމަތް ފަށައި އެނިޒާމް އެސަރަހައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާވެސް ބައްދަލުކުރައްވާނެއެވެ.
ތިލަދުންމައްޗަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހުއެވެ.