ޚަބަރު

ފާއިތުވި 30 އަހަރު ނުކުރެވި ހުރި ހުރިހާކަމެއް ހަތަރު އަހަރުން މިދަނީ ކުރަމުން: ފައްޔާޒު

މުހައްމަދު އިޝާން

1

ފާއިތުވި 30 އަހަރު ދުވަހު ވެރިކަން ކުރި ފަރާތްތަކުން ނުކޮށްދީ ހުރި ކަންކަން މި ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެކު ސޮއިކުރުމަށް މިރޭ މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް، ނިންމާފައިވާ ކަމަށެވެ.

"ތިރީހަކަށް އަހަރު ނުކުރެވި ހުރި ކަންކަން އަޅުގަނޑުމެންނަށް ކުރަން ޖެހި ކުރަމުން ނިންމަމުން މިދަނީ މި ހަތަރު އަހަރު ތެރޭ. އެއީ ގަބޫލުކުރަން ބޭނުމަސް ނޫނަސް ފެންނަތް އޮތް ހަގީގަތް. ގަބޫލުނުނޮށް ތިއްބަކަސް އެކަންތައްވަމުންދާ ގޮތް ފެންނަނީ އަތްލެވެނީ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ނިންމައިލެވުނަސް ކުރަންހުރި މަސައްކަތް އެ ހިސާބުން ނުނިމޭ ކަމަށެވެ. އަދި ވިދާޅުވީ ލާމަރުކަޒީ އުސޫލުން އުފާވެރި ދިރިއުޅުމެއް ރައްޔިތުނަށް އުޅެވޭނީ ރަށްރަށުގައި އިގުތިސޯދީ ހަރަކާތްތައް ހިންގައިގެން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކަށްވީ މިކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލެ ފިޔަވާ ހަތަރު އިގުތިސޯދީ ހަބު ގާއިމުކުރުން. އެގޮތުން އެންމެ އިސްކަމެއް އަޅުގަނޑުމެން ދިނީ އައްޑޫއަށް އެއީ ސަބަބެއް ނެތިއެއް ނޫން. އަޅުގަނޑުމެން ބެލިބެލުމުގާ އެންމެ އަވަހަށް އެއޮތް ހާތަލުން އެންމެ އަވަހަށް ތަރައްގީކުރެވެން އޮތީ އައްޑޫ،" ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުން ބޭނުންވާ ކަންކަން ސާފުކޮށްފައިވާނެ ކަމަށެވެ. އަދި އައްޑޫ ތަރައްގީކުރަން ބޭނުންވާނަމަ އައްޑޫގެ ބިން ހިއްކައި ރިސޯޓު ހަދައި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް އައްޑޫ ޒަމާނީ ސިޓީއަކަށް ހަދަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް އައްޑޫގައި އެކަންތައްތައް ކުރުމަށް ދިމާވި ގޮންޖެހުމަކީ ޓޫރިސްޓު ބެޑު ނެތުން ކަމަށާއި އައްޑޫ އެއާޕޯޓް ތަރައްގީކުރިޔަސް ޓޫރިސްޓު ބެޑު ނެތްނަމަ ފުލައިޓުތައް ދަތުރުކުރުން މަދުވާނެ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ހަރަދުގައި އެ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީކުރަން ނިންމި އުސޫލުން އުތުރުގެ ރަށްތައް ވެސް ތަރައްގީކުރަން ސަރުކާރުން ނިންމި ކަމަށެވެ. އުތުރުގެ ރަށްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިންޑިއާއެކު ކުރަށް ފަށާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އުތުރުގައި މާލެ ސަރަހައްދާ އަޅައި ބަލާއިރު މާ ރީތި ދާއިރާއެއް. ބައިވަރު ރިސޯޓުތައް ހަދަން ދީފަ އެބަހުރި ނުހެދި. ވަރަށް ގިނަ ރައްޔިތުން އެކަމާ ރުޅި އާދެ. ނަމަވެސް އެ އޮތް ހާލަތުގައި އެ ރިސްކް ނަގަން ކެރުނީތީ، ރިސްކް ނަގައިގެން، އެކަން ކުރަން ކެރުނީތީ އެ ބޭފުޅުންނަށް ޝުކުރު އަދާ ކުރަން ޖެހޭ. އެހެންވީމަ އަޅުގަނޑުމެން ނިންމީ ލޯނު ނަގައިގެން ނަމަވެސް ހަނިމާދޫ އެއާޕޯޓް ނަން ބޯޑު ބަދަލުކޮށްލުމުގެ ބަދަލުގައި އެއާޕޯޓް ހަދަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ބޮޑު ބައެއް މި ވެރިކަމުގައި ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހަނިމާދޫ އެއާޕޯޓް މަޝްރޫއާ އެކު އުތުރުގައި އިންވެސްޓްކުރަން ބޭރު ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.