ހުޅުމާލެ ދެވަނަ ފިޔަވަހީގެ، ހިޔާ ސަރަހައްދުގެ ޕާކާއީ ފޭސް އެކެއްގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިޔާ ސަރަހައްދުގެ ޕާކު ތަރައްގީކުރުމާއި ހުޅުމާލޭގެ ފޭސް އެކެއްގެ ބީޗު ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގައި ހިޔާ ޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑެން އޭރިއާ، އެލެވޭޓެޑް ފާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ބީޗު ބުލެވާޑް މަސައްކަތުގެ ތެރޭގައި ޕާތްވޭސް، ރޭމްޕު އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި އެ މަސައްކަތް ވެސް އެއް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް މިތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީން ދަނީ އާންމުންގެ ހިޔާލު ހޯދައި، އާންމުން އެންމެ ބޭނުންވާ ގޮތަށް އެކި ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.