ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން، 27އ. އެންމެ ފަހުން ފެނުނި ޓެކްސީއަކަށް އަރަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްގެންދާ ކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން، ސީސީޓީވީ ފްޓޭޖުތަކުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށެވެ.

އެއީ ހުދު ކުލައިގެން ކާރަކަށް އަރަނިކޮށް ކަމަށާއި، އެ ކާރުގެ އިތުރު ފުޓޭޖުތައް ބަލައި ކާރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.،"

އެހެންކަމުން، އަޒުހާނުގެ އިތުރުން، ހިޔާ ފްލެޓް ސަރަހައްދުން ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ، ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ އެ ކާރުގެ ޑްރައިވަރު އެކަން ލަސް ނުކޮށް ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި،\ހިއްސާކުރެއްވުމަށް އެދޭ ކަމަށްވެސް ފުލުހުން ބުނެފައިެވއެވެ.

އަޒްހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އެ މައުލުމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށއިފައެވެ. އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.