އެމްޕީއެލް އިން މުޅިން އަލަށް ހިލަ އާއި ހިލަވެލި ބޭލުމުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރުން ހިލައާއި ހިލަވެލި ބޭލުމުގެ ހިދުމަތެއް ނުދެއެވެ. އެކަމަށް ބޭނުން ކުރަނީ، ތިލަފުށީގައި އަމިއްލަ ދެ ކުންފުންޏަކުން ހަދާފައިވާ ދެ ބަނދަރާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލުން ހަދާފައިވާ ވަގުތީ ބަނދަރެކެވެ.

ހެންވޭރު ދަނޑުގައި ރޭ ބޭއްވި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭ ޕޯޓަށް ހިލައާއި ހިލަވެލި ބޭލުމުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ތިލަފުށީގައި މިހާރު ތަރައްގީ ކުރަމުން އަންނަ ބަލްކް ޓާމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ނިމުމުން، ހިލައާއި ހިލަވެލި އެތެރެކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށްވެސް އަދި އާންމުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެކަން ތަފްސީލްކޮށްދެއްވައި، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ، ތިލަފުށީގައި ހަދާ ބަލްކް ޓާމިނަލް ނިމުމުން ތިލަފުށިން ކަނޑުމަގުން މާލޭ ޕޯޓަށް ހިލައާއި ހިލަވެލި ގެނެސް ބޭލުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ.

"ބުރިޖު އެޅުނީމަ އެއްގަމު މަގުންވެސް ގެނެވޭނެ. އެހެން ނޫނީ، ބާޖަކަށް ލައިގެން ކަނޑުމަގުން ޕޯޓާ ހަމައަށް ގެންނާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ތިލަފުށީގައި އޮތް ދެ ބަނދަރަކީ އަމިއްލަ ދެ ކުންފުންޏެއްގެ ދެ ބަނދަރު ކަމުން އެކުންފުނިތަކުގެ ބޯޓުތައް ބަނދަރުކޮށްފައި އޮންނަ ގަޑިތަކުގައި އެހެން ބޯޓަކަށް ކައިރި ނުކުރެވޭ ކަމަށާއި އެކަމުގެ ދަތިތައް އެބަހުރި ކަމަށެވެ.