ޓެނިސް

ކަރުނައާއެކު ފެޑެރާގެ އަސަރުގަދަ އަލްވަދާއެއް!

މުޙައްމަދު ޝަމްޢޫން

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ރޯޖާ ފެޑެރާ އޭނާގެ ފަހު މެޗު ކުޅެ، އަސަރާއެކު ކޯޓަށް އަލްވަދާއު ކިޔައިފިއެވެ.

ފެޑެރާ އޭނާގެ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިންމާލައިފައި ވަނީ ރޭ ކުޅުނު ލަވޭ ކަޕްގެ ޑަބަލްސް މެޗާ އެކުގައެވެ. ރޭ ޔޫރަޕާއި ދުނިޔޭގެ އެހެން ބައްރުތަކާ ވާދަކުރި މެޗުގައި ޔޫރަޕް ޓީމަށް ނުކުތީ ފެޑެރާއާއި އޭނާގެ ޒަމާންވީ ވާދަވެރިޔާ، ޓެނިސް ލެޖެންޑް ރަފޭލް ނަޑާލްއެވެ. ރޭގެ މެޗަކީ ފެޑެރާގެ ވަދާއީ މެޗަށް ވެފައި، މެޗު ހާއްސަވީވެސް ނަޑާލްއާއެކު ކުޅެން ޖެހުމުންނެވެ.

ފެޑެރާ މިފަހަރުގެ ލަވޭ ކަޕަށް ނުކުތީވެސް ހަމައެކަނި ޑަބަލްސް މެޗު ކުޅެލުމަށެވެ. އެއީ މިދިޔަ ދެ އަހަރެއްހާ ދުވަހުވެސް ކަކުލުގެ އަނިޔާއެއްގެ ސަބަބުން ނުކުޅެ ހުންނަން ޖެހުނީމައެވެ. މިވަގުތުވެސް ފިޓް ނޫން ހާލަތެއްގައި ހުރި ފެޑެރާގެ ފަރާތުން ރޭގެ މެޗުގައިވެސް މާ ބޮޑު، އުނދަގޫ މޫމަންޓްތަކެއް ފެނިފައެއް ނުވެއެވެ. އޭނާ ކުޅެލީ ފަސޭހަ މެޗެކެވެ.

ސަޕޯޓަރުންގެ ލޯތްބާއެކު ފެޑެރާއާއި ނަޑާލްގެ ޓީމަށް ލޯބިން ދީފައިވާ ނަމަކީ "ފެޑެލް"އެވެ. ފެޑެރާ އެތައް ދުވަހަކަށް ފަހު ކުޅުނު އެ މެޗުގައިވެސް އޭނާގެ ކްލާސް ފެނިގެން ދިޔައެވެ. ނަޑާލްއާއި ފެޑެރާ ވަނީ އިދިކޮޅަށް ނުކުތް ޒުވާން ދެކުޅުންތެރިން ކަމަށްވާ ސޮކްއާއި ޓިއާފޯއަށް ރަނގަޅު ފައިޓެއް ދީފައެވެ. ފެޑެރާއާއި ނަޑާލް ބަލިވީ 4-6، 7-6 (7-2) އަދި 11-9 އިން ސޮކްއާއި ޓިއާފޯ ސެޓުތައް ގެންގޮސްގެންނެވެ.

މެޗު ނިމުމާއެކު އުމުރުން 41 އަހަރުގެ ފެޑެރާ ފެންކަޅިވިއެވެ. ފެޑެރާގެ އަންހެނުން މިރްކާއާއި ހަތަރު ކުދިންވެސް ކޯޓު ތެރެއަށް ނުކުމެ ފެޑެރާއާއެކު އޭނާގެ އަލްވަދާއުގައި ބައިވެރިވި އިރު، މަންމަ ލިނެޓްއާއި ބައްޕަ ރޮބާޓްވެސް ވަނީ ފެޑެރާއާއެކު ކެރިއަރު ނިންމުމުގެ ޝަރަފުގައި ބައިވެރިވެފައެވެ.

"މިއީ އުފާވެރި ދުވަހެއް. ހިތާމައިގައެއް ނޫން މިހުރީ. ނިންމާލައިފައި މިދަނީ އުފަލުން. އެއީ އަހަންނަށް މި ހުރިހާ ދުވަހު ހޯދުނު ކާމިޔާބީން،" ފެޑެރާ ކަރުނައާއެކު ބުންޏެވެ.

ކެރިއަރުގައި 20 ގްރޭންޑް ސްލޭމް ތަށި އުފުލާލި ފެޑެރާ ވަނީ 1750 ވާދަވެރި މެޗު ކުޅެފައެވެ. ރޭގެ އަސަރު ގަދަ އަލްވަދާއުގައި ފެޑެރާ އެންމެ ގާތުގައި ހުރި ޓެނިހުގެ އެންމެ ބޮޑު ވާދަވެރިޔާ ނަޑާލްއަށްވެސް އޭނާގެ ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ދެކުޅުންތެރިން ބައްދާލި ވަގުތު ވެގެން ދިޔައީ ލަންޑަންގެ އޯޓޫ އެރީނާއަށް ތަފާތު އަސަރެއް ކުރުވި މަންޒަރަކަށެވެ.

"މިއީ ފުރިހަމަ ދަތުރެއް. އަހަރެން މި ދަތުރު އަދި އެއްފަހަރު ފުރިހަމަ ކުރަން ޖެހުނަސް އެކަން ކުރާނަން،" ޕްރޮފެޝަނަލް ޓެނިހުގައި 25 އަހަރު ހޭދަކުރި ފެޑެރާ ބުންޏެވެ.

އަނިޔާގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ފެޑެރާއަށް އޭގެ ފަހުން ވާދަކުރެވިފައި ވަނީވެސް އެންމެ 11 މުބާރާތުގައެވެ. އޭގެ ތެރެއިން އޭނާއަށް ހޯދުނީ ތިން މުބާރާތެއްގެ ޗެމްޕިއަންކަމެވެ. 17،500 ސަޕޯޓަރުން ކުރިމަތީގައި ވާހަކަ ދައްކަމުން ފެޑެރާ ރޭ ބުނީ އަނިޔާގެ ސަބަބުން ކުޅުން ހުއްޓާ ނުލައި މި ހުރިހާ ދުވަހު ކުޅެވުނީ އާއިލާގެ ސަޕޯޓަރުން ކަމަށާއި، ހާއްސަކޮށް އަންހެނުން ބޭނުންވިނަމަ މާ ކުރިން ހުއްޓާލާނެ ކަމަށް ފެޑެރާ ބުންޏެވެ.

އެއް ގަޑިއިރަށްވުރެ ގިނަ އިރު ފެޑެރާގެ އަލްވަދާއު ކުރިއަށް ގޮސްފައިވާ އިރު، ލަވޭ ކަޕްގައި ވާދަކުރި އިތުރު ކުޅުންތެރިންނާއި ނަޑާލްވެސް ވަނީ ފެޑެރާއަށް ފުރިހަމަ އިހުތިރާމެއް ދީފައެވެ. އޭގެ އިތުރުން ޓެނިހުގެ ދުނިޔޭގައި ހަރަކާތްތެރިވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ޓްވީޓްކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ ފެޑެރާއަށް ލޯބި ބަންޑުން ކޮށްލައިފައެވެ.