އއ. ތޮއްޑޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް ފުލުހުންނަށް ހަމަލާ ދިން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ޖަލުގައި ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެފައިވާތީ އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް އެދުމުން އެކަމަށް އިންކާރުކޮށް، ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ 2:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމުން ފުލުހުން އެގެއަށް ދިއުމުން ފިރިހެން މީހާ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު