ސްޕެއިން

ސްޕެއިންގެ އަންހެން ޓީމުގެ ކުޅުންތެރިން ބުނަނީ ކޯޗު ފޮނުވާލުމުން ނޫނީ ނުކުޅޭނެ ކަމަށް

ސްޕެއިންގެ އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ޖޯގޭ ވިލްޑާ، އެ މަގާމުން ވަކި ނުކުރާނަމަ 15 ކުޅުންތެރިޔަކު ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ބުނެފިއެވެ.

ސްޕެއިންގެ އަންހެން ފުޓުބޯޅައިގެ ހާލަތާ ގުޅޭ ގޮތުން އެގައުމުގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ 15 ކުޅުންތެރިޔަކު ބުނަމުންދަނީ ކޯޗު ވިލްޑާގެ ސަބަބުން ކުޅުންތެރިންނަށް ނަފުސާނީ އަސަރުތަކެއް ކުރާ ކަމަށާއި، ސިއްހަތުގެ ސަލާމަތަށްޓަކައިވެސް އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ.

އެ ޑިމާންޑަށް ބޯލެނބުމުގެ ވިސްނުމެއް ފުޓުބޯޅަ އިދާރާއަކުން އަދި ނުގެންގުޅެއެވެ. އެ އިދާރާއިން ބުނެފައި ވަނީ އެފަދަ ގޮތަކަށް ކޯޗު ވަކިކުރަން ޑިމާންޑް ކުރުމަކީ ފުޓުބޯޅައިގެ ސުލޫކުން ބޭރު ކަމެއް ކަމަށާއި، އެއީ ކުޅިވަރުގެ ރޫހާވެސް ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް އަމިއްލަ ވިސްނުމުން ހައްލު ހޯދަން މިވަގުތު އަންހެން ޓީމުގެ ކުޅުންތެރިންނަށް އިލްތިމާސް ކުރާ ކަމަށްވެސް ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން އިތުރަށް ބުނެފައި ވަނީ ކޯޗަކު ވަކި ކުރުމަކީ ކުޅުންތެރިންގެ އަތުގައި އޮންނަ ބާރެއް ނޫން ކަމުން، އެފަދަ ކަމަކަށް ޑިމާންޑްކޮށް، ގައުމީ ޓީމަށް ނުކުޅެފިނަމަ، ދޭއް ނޫން ހަތަރު ވަރަކަށް އަހަރު ދުވަހަށް ކުޅުންތެރިޔަކު ސަސްޕެންޑް ކުރުމުގެ ބާރުވެސް އެފްއޭއަށް ލިބިގެންވާ ކަމަށެވެ.

އޭގެ އިތުރުން އެފްއޭއިން ބުނީ ޒުވާން ކުޅުންތެރިން ސީނިއާ ޓީމުގައި ކުޅުވަން ޖެހު ނަމަވެސް، ހަޅުތާޅަކަށް ދާން މަސައްކަތްކުރި 15 ކުޅުންތެރިންނަށް އަލުން ގައުމީ ސީނިއާ ޓީމުން ފުރުސަތު ދޭނީ މައާފަށް އެދުމަށް ކަމަށެވެ.

އުމުރުން 41 އަހަރުގެ ވިލްޑާ ސްޕެއިން އަންހެން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުއެވެ. އެންމެފަހުން ބޭއްވިި ޔޫރޯ އަންހެން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ސްޕެއިން ކުޅެފައިވާ އިރު، ކުއާޓާއިން ސްޕެއިން ކެޓީ އިންގްލެންޑް ކައިރިން އިތުރު ވަގުތުގައި ބަލިވެގެންނެވެ.

ވިލްޑާގެ ކުރިން ސްޕެއިންގައި ހުރި ކޯޗު 2015 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނީވެސް ކުޅުންތެރިންގެ ބޮޑު ޑިމާންޑަކާ އެކުގައެވެ.