އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފިއެވެ.

ފާއިތުވި ޖޫން މަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު ކަމަށް އިސްލާމިކް މިިނިސްޓްރީން ކަނޑައަޅާފައިވަނީ 6،396.20 ރުފިޔާއެވެ.

ނަމަވެސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، 20 ސެޕްޓެންބަރު 2022 އިން ފެށިގެން މުދަލު ޒަކާތް ވަޖިބުވާ ނިސާބަކީ 5،777.45 ރުފިޔާ ކަމަށެވެ. އެ ބަދަލު ގެނައީ މިިނިސްޓްރީން އަމަލު ކުރަމުން އަންނަ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ވަނީ ބަދަލު ކޮށްފައެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 64.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބިފައިވަނީ 51.1 މިލިއަން ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އެއީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ.

މުދަލު ޒަކާތުގެ ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.