އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 13

އަބްދުﷲ ފާރޫގް ހަސަން

(16 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

މިސްޓަރ ގިބޯންސް ލިޔުއްވައިފައިވެއެވެ. "سلطـــان مــــــراد ތިރީސްއަހަރު ވަންދެން ޢުޘްމާނީ ރަސްކަލެއްގެ ހައިސިއްޔަތުން ހިންގެވި މޮޅު ސިޔާސަތަކީ އެދައުރުގެ އެހެން އެއްވެސް ވެރިޔަކަށް ނުހިންގެވޭފަދަ މޮޅު ސިޔާސަތެކެވެ. محمّـد الــفــاتــح އާއި سـليمــان الأعـظــــم އާ ބެހޭގޮތުން مــــــراد އަށްވުރެ އަހަރެމެންގެ މަޢުލޫމާތު މުއްސަންޖެވެ. އެހެންކަމުން مــــــراد ގެ ޙަޤީޤީ މަޤާމާ ބެހޭގޮތުން ދަންނަވާންޖެހެނީ އޭނާއަކީ ޢުޘްމާނީ ޚާންދާނުގެ އެންމެމޮޅު އަދި އެންމެ ކާމިޔާބު ސިޔާސީ މާހިރުކަމުގައެވެ. އެންމެ ޤާބިލު ހަނގުރާމަވެރިޔާ ކަމުގައެވެ. މިނޫންގޮތެއް އަހަންނަކަށް ހޯދައެއް ނުގަނެވުނެވެ. مــــــراد އަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ދަތި އުނދަގޫފުޅުތަކާއި އޭނާ ޙައްލުކުރެއްވި މައްސަލަތަކާއި އޭނާގެ ވެރިކަމުގެ ނަތީޖާއާ އޭނާއަށްވުރެ މާ ޢިއްޒަތްތެރި ފަހުތިބީންގެ މަސައްކަތްޕުޅުތަކާ އަޅައިބަލާއިރު އެބޭފުޅުންނަށްވުރެ އޭނާ މަތިވެރިކަމުގައި ނުވިޔަސް، އެބޭފުޅުންނާ އޭނާއާ އެއްވަރުކަން ޔަޤީނެވެ. އޭނާގެ ޙަޔާތްޕުޅުގައި އޭނާ ގެންނެވި ބަދަލުތަކަކީ ތާރީޚުގެ އިންތިހާދަރަޖައިގެ ޙައިރާންކުރުވަނިވި މަސައްކަތްޕުޅުތަކެއްކަން ޔަޤީނެވެ. އޭނާގެ ފުތޫޙާތު ފަސްސަތޭކަ އަހަރުވަންދެން ދެމިއޮތެވެ. 1878 ގެ ބަރލިންގ މުޢާހަދާއާ ހަމަޔަށެވެ. އޭގެތެރެއިން ބައެއްތަންތަން މިފަހުގެ ބަލްޤާނު ހަނގުރާމައަށްފަހުވެސް ދެމިއެބަހުއްޓެވެ." (ހާބަޓް ގިބޯންސް: 178)

"مــــــراد މަސީޙީ ސަރަޙައްދުތަކެއް ފަތަޙަކުރައްވައި އެތަންތާނގައި އިސްލާމީ ވެރިކަން ޤާއިމުކުރެއްވިއެވެ. އެކަމަކު އެއް ހައިސިއްޔަތަކުން ބަލާއިރު ޢީސާއީންނަކަށް އެކަން ރޭކާވެސް ނުލައެވެ. އެހެނީ مــــــراد އެކެއްގެވެސް ދީން ބަދަލުކުރުއްވާކަށެއް ނުއުޅުއްވައެވެ. އެއާ ޚިލާފަށް އޭނާވަނީ އެންމެންނަށްވެސް ދީނީގޮތުން ފުރިހަމަ މިނިވަންކަން ދެއްވައިފައެވެ. އެކަމުގެ އެންމެ ޞަރީޙު ހެކިބަހެއް ރެކޯޑުކުރެވިފައިވަނީ 787ހ./1385މ. ގައި ޔޫނާނީ ޗަރޗުގެ ބިޠުރީޤު އަޢުޒަމް ޕޯޕް އަރުބަން (ހައެއް) ލިޔުއްވި ސިޓީފުޅުންނެވެ. ބިޠުރީޤު އިޢުތިރާފުވެވަޑައިގެންފައިވެއެވެ. "مــــــراد ވަނީ ޗާޗަށް ފުރިހަމަ މިނިވަންކަން ދެއްވައިފައެވެ. އޭގެ ނަތީޖާއެއްގެގޮތުން 761ހ./1360މ. އިން ފެށިގެން 791ހ./1389މ. އާ ދެމެދު ޢުޘްމާނީންގެ ފުށުން ޗާޗަށް އެއްވެސްކަހަލަ އިހާނެތިކަމެއް ކުރެވުނުކަމުގެ ޝަކުވާއެއް ލިބިފައެއް ނުވެއެވެ." (ހާބަޓް ގިބޯންސް، ޞަފުޙާ: 178، ދައުލަތެ ޢުޘްމާނިއްޔާ: 3، ޞަފުޙާ: 51)

ސީރަތާއި ޝަޚްޞިއްޔަތު

އަރަހުށި މާތް اللّـــه سبحـانــه وتـعــالــى، سلطـــان مــــــراد އަށް ޖަންނަތުލްފިރުދައުސުގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އެކަލާނގެ މަތިވެރިވަންތަ ޙަޟުރަތުން މާތްމާތް ދަރަޖަތައް ހިބަކޮށްދެއްވާށިއެވެ. މާތް اللّـــه ގެ އެ މުޖާހިދު އަޅާ ޔޫރަޕުގެ ވަރަށްގިނަ ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ޒަލްޒަލާ ގެންނެވިއެވެ. އޭނާ ޢީސާއީ ވަރަށްގިނަ ދައުލަތްތައް ދުނިޔޭގެ ޗާޓުން ފޮހެލެއްވިއެވެ. އޭނާ ޢީސާއީންގެ ކިބުރުވެރި ބޯހަރު ގަދަފަދަ ފަހުލަވާނުންގެ ބޮޑާކަމާއި ކިބުރުވެރިކަން ވެއްޔާ މޮޑެލެއްވިއެވެ. ރަސްކަލެއްގެ ހައިސިއްޔަތުންވެސް އޭނާއަކީ ވަރަށްގިނަ ފުރިހަމަ މާތް ސިފަތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މުއައްރިޚުން އޭނާގެ ސީރަތާއި އަޚްލާޤާއި ޝަޚްޞިއްޔަތަށް ވަރަށްބޮޑަށް ތާރީފުކުރައްވައި ހެޔޮބަސްފުޅުތައް ވިދާޅުވަމުން ގެންދަވައެވެ. މުއައްރިޚުންކުރެ އެއްބޭފުޅަކު ލިޔުއްވައިފައިވެއެވެ.

"مــــــراد ގެ ރަނގަޅު ސިފަފުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ވަރަށްގިނަ ކަންތައްތަކެއްގައި އޭނާގެ ބައްޕާފުޅާ އެއްގޮތަށް ޢަމަލުކުރެއްވިކަމެވެ. އޭނާއަކީ އޭނާގެ ބައްޕާފުޅުފަދަ ޒާހިދު އަޅުވެރިޔެއް ނޫނެވެ. އާދަކޮށް ރޭއަޅުކަން ކުރައްވާ ބޭފުޅެއްވެސް ނޫނެވެ. އެކަމަކު މާތް اللّـــه އަށް ބިރުވެތިވެވަޑައިގެންނެވުމާއި ފަޤީރުންގެ ޙާލު ބައްލަވައި އަޅުއްވައިލެއްވުމާއި، ޢިލްމަށް ލޯބިކުރައްވައި ޢިލްމު ފެތުރުއްވުމާއި ޢަދުލުއިންޞާފު ޤާއިމުކުރެއްވުމުގައި އޭނާގެ ބައްޕާފުޅުގެ ސުންނަތަށް ފުރިހަމަޔަށް ޢަމަލުކުރެއްވިއެވެ. އޭނާ ހަމައެކަނި ޔޫރަޕުގެ ރަސްރަސްކަލުން ހަނގުރާމައިގެ މައިދާނުގައި ބަލިކުރެއްވީކީ ނޫނެވެ. ވަތަކުތޯޖެއްސެވީކީ ނޫނެވެ. ސަރުކާރުގެ ކަންތައް އިންތިޒާމުކުރައްވައި ހިންގައިލެއްވުމާއި ޢަދުލުއިންޞާފު ކުރިއެރުއްވުމާއި ރައްޔިތުންގެ ހިތްހަމަޖައްސަވައިދެއްވައި ފުދުންތެރިކަން ހޯއްދަވައިދެއްވުމުގައިވެސް އޭނާ ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުންގެ މައްޗަށް ކުރިހޯއްދެވިއެވެ. ޢާންމު ރައްޔިތުންގެ ދަރީންނަށްޓަކައި އޭނާ ތަންތަންކޮޅުގައި ސްކޫލްތައް އެޅުއްވިއެވެ. ޒާވިޔާތައް ހެއްދެވިއެވެ. ދައުލަތުގެ ހުރިހައި ކަންކޮޅުތަކެއްގައިވެސް ނިކަމެތީންނާއި ފަޤީރުންގެ ހުރިހައި ޚަރަދުބަރަދެއްގެ ޒިންމާ ސަރުކާރުގެ ޚަޒާނާއާ ޙަވާލުކުރެއްވިއެވެ."


މިދެންނެވި މުއައްރިޚު އަދިވެސް އިތުރަށް ލިޔުއްވައިފައިވެއެވެ. "مــــــراد خــــان ވަޢުދަށް ވަފާތެރިއެވެ. ދީލަތިފުޅެވެ. ހިތްޕުޅުހެވެވެ. އޯގާވެރިއެވެ. އޭނާގެ ގަނޑުވަރުގެ ދޮރުކޮޅުތައް ހުންނަނީ ބޭނުންޖެހިގެން އަންނަ މީހުންނަށްޓަކައި ތާއަބަދު ހުޅުވައިލެވިފައެވެ. ތެދެކެވެ. އޭނާއަކީ އޭނާގެ ބައްޕާފުޅާއި ކާފާފުޅު ފަދައިން ސާދާކަމަށް ލޯބިކުރައްވައި ދަރުވޭޝީ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާ ދުވަހަކުވެސް އަނިޔާވެރި ޚަޞީލަތެއް ނުގެންގުޅުއްވައެވެ. ކިބުރުވެރިވެވަޑައެއް ނުގަންނަވައެވެ. ބޮޑާފުޅުކަމެއް ނުހުރެއެވެ. ރައްޔިތުންކުރެ އެއްވެސް މީހަކީ ނިކަމެތި މީހެއްކަމަކަށެއް ނުބައްލަވައެވެ. އޭނާއަކީ ރަސްކަލެކެވެ. ރައްޔިތުންކުރެ ކޮންމެ ފަރުދަކީ އޭނާގެ އަމިއްލަފުޅު ދަރިކަލެއްކަމުގައި ބެއްލެވި ރަސްކަލެކެވެ." (މުސަލްމާން ޙުކުމްރާން: 642)

ރިޗަރޑް ނޮލްސް ވިދާޅުވާގޮތުގައި سلطـــان مــــــراد އަކީ ވަރަށް ހިތްވަރުފުޅުގަދަ ނަސީބުފުޅު ރަނގަޅު ބޭފުޅެކެވެ. މަދުން ވާހަކަފުޅު ދައްކަވާ ދީނީ ކަންކަމުގައި ހިތްޕުޅުގައި ތަޢައްޞުބެއް ނެތް އަދި އޭނާގެ ރައްޔިތުން އޭނާދެކެ ލޯބިވާ ބޭފުޅެކެވެ. (ތާރީޚެތުރުކީ، ޞަފުޙާ: 138)

سلطـــان مــــــراد ދީނީ ތަޢައްޞުބެއް ނުގެންގުޅުއްވައެވެ. އެކަމާބެހޭގޮތުން މުސަލްމާން ޙުކުމްރާންގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ. "مــــــراد ގެ ޝަޚްޞިއްޔަތުގައިވާ އެންމެރަނގަޅު އެއްކަމަކީ އޭނާގެ ދީނީ ތަޢައްޞުބެއް ނެތްކަމެވެ. އޭނާއަކީ އިސްލާމީ ވަރަށްބޮޑު މުޖާހިދެކެވެ. އިސްލާމްދީނަކީ މުޅިދުނިޔޭގެ އެންމެންގެ ދީނެއް ކަމުގައިވުމަކީ އޭނާ ވަރަށް ޝައުޤުވެރިވެ ވަޑައިގެންނެވި ކަމެކެވެ. އެކަމަކު އެހެޔޮލަފާ އިންސާނާ އޭނާ ފަތަޙަކުރެއްވި ތަންތާނގެ ޢީސާއީ ރައްޔިތުންކުރެ އެކަކުވެސް ދީން ބަދަލުކުރުވާކަށެއް ބާރެއް ނާޅުއްވައެވެ. ދީން ބަދަލުކުރުމަކީ ކުރިއެރުމުގެ ހަރުފަތަކަށް ވެދާނެކަމުގެ ޚިޔާލެއްވެސް މީހެއްގެ ހިތުގައި އުފެދޭކަށެއް ޖާގައެއް ނުދެއްވައެވެ. އޭނާ ޢީސާއީ ރައްޔިތުންނަށް ހުރިހައި ފަސޭހަތަކެއް ހޯއްދަވައިދެއްވިއެވެ. ރައްޔިތެއްގެ ހިތުގައި ތިމާގެ ދީނަކީ ރަސްގެފާނު ރުހިވަޑައިނުގަންނަވާ ދީނެއްކަމުގެ އިޙުސާސް އުފެދޭނެގޮތެއް މެދުވެރިޔެއް ނުކުރައްވައެވެ. އެފަދަ ޝަކުވާއެއް ދުވަހަކުވެސް އުފުލިފައެއްނެތެވެ." (ޙަވާލާ، ގިބޯން، ލޭންޕޫލް، ކްރޭޒީ)

مـــولانــا أكــبــــــر خــــان ނަޖީބު އާބާދީ ބަޔާންކުރައްވާގޮތުގައި سلطـــان مــــــراد خــــان އަކީ ވަރަށް ބުއްދިވެރި، ހިންމަތްތެރި ބޭފުޅެކެވެ. ކެތްތެރި، ޞޫފީ މިޒާޖުގެ ދަރުވޭޝީ ޚަޞީލަތުގެ ބޭފުޅެކެވެ. އަޅުވެރި ޒާހިދު ބޭފުޅެކެވެ. ރައްބާނީ ޝަޚްޞިއްޔަތެކެވެ." (ޞަފުޙާ: 336)

سلطـــان مــــــراد އަކީ އޭނާގެ ބައްޕާފުޅެކޭ އެއްފަދައިން ޞޫފީންނަށާއި ޒާހިދުންނަށް ވަރަށްބޮޑަށް މާތްކޮށް ހިއްތެވި ބޭފުޅެކެވެ. ޢިލްމުވެރީންނާއި ޞާލިޙުންނަކީ އޭނާގެ މުޝީރުންނެވެ. ބައިވެރީންނެވެ. مــــــراد އެފަދަ ބޭކަލުންނަށް ވަރަށްބޮޑަށް އިތުބާރު ކުރައްވައެވެ. އެފަދަ ބޭކަލުންގެ މަޝްވަރާއާ ނުލައި ކަމެއްކުރެއްވިޔަސް ކުރައްވަނީ ހާލަކުންފަހަރަކުއެވެ. سلطـــان مــــــراد ގެ ޚާއްޞަ އެއްކަމަކީ ޝަރްޢީ ޙުކުމްތަކަށް އިސްތަށިފުޅު ލެންބެވުމެވެ. އިންތިހާޔަށް ކިޔަމަންވެވަޑައިގެންނެވުމެވެ. އިސްތަށްޓެއްގެ މިންވަރަށްވެސް ޚިލާފުވެވަޑައިނުގެންނެވުމެވެ. އެކަމާބެހޭގޮތުން މުއައްރިޚަކު ލިޔުއްވައިފައިވެއެވެ.

"އަޖައިބުވާފަދަ ކަމެކެވެ. އޭނާ ގަނޑުވަރުތަކުގައި ދިރިއުޅުއްވިކަމުގައިވިޔަސް ޝާހީ އެހެނިހެން ބައެއް ރަވައްޔާތައްވެސް އާދަކުރެއްވެވިފައި ހުންނެވިކަމުގައިވިޔަސް ޢިލްމުވެރީންގެ ކުރިފުޅުމަތީގައި އަމިއްލަފުޅު ނަފުސާމެދު އަބަދުވެސް ބެއްލެވީ އާދައިގެ ކިޔަވާކުއްޖެއް ކަމުގައެވެ. ޝަރީޢަތުގައި ކަމެއްއޮތްގޮތް އެނގިވަޑައިގެންނެވުމަށްފަހު ދުވަހަކުވެސް އެއްވެސްކަހަލަ ތައުވީލެއް ނުކުރައްވައެވެ. އެއްވެސްކަހަލަ ބަހަނާއެއް ދައްކަވައި ޙީލަތެއް ހައްދަވައިގެން ޝަރީޢަތުގައިވާގޮތުން ރެކިވަޑައިގަންނަވާކަށެއް ނުއުޅުއްވައެވެ. އޭނާގެ ކޮންމެ އަމުރުފުޅަކާއި ކޮންމެ މަޞްލަޙަތަކަށްވުރެ ބުރަދަންހުރި ކަމުގައި ބެއްލެވީ ޝަރީޢަތުގައިވާ ގޮތެވެ. ރަސްކަލެއްގެ މަޤާމުގައި އޭނާ ހުންނެވި ތިރީސްއަހަރުގެ ތެރޭގައި އޭނާ ޝަރީޢަތުގެ ނިޔާއަކާ ޚިލާފުވެވަޑައިގެންނެވި ނުވަތަ އޭނާގެ ޢާމިލަކު އެފަދަކަމެއް ކުރެއްވުމުން ކޯފާގެ ރަހަ ނުދައްކަވާ ހަމައެންމެ ފަހަރެއްވެސް ނުދެއެވެ. (މުސަލްމާން ޙުކުމްރާން: 645)

**********

سلطـــان بــايـــزيــد خــــان ޔިލްދިރިމް

ކުރީންވެސް ދަންނަވައިފައިވާ ފަދައިން بــايـــزيــد ގެ ޙަޔާތްޕުޅަކީ އަޅުގަނޑުމެން މުސްލިމުން އެތައްގޮތަކުން ނަސޭހަތާއިވަސޭހަތް ލިބިގަންނާންޖެހޭ ޙަޔާތްޕުޅެކެވެ. މުސްލިމު މުފައްކިރުންކުރެ ބައެއް ބޭކަލުންވަނީ އޭގެތެރެއިން އެކިއެކި ހާދިސާތައް ޢިބްރަތުގެގޮތުން ފާހަގަކުރައްވައިފައެވެ. އެގޮތުން مـــولانــا وحــيـد الــدّيـــن خــــان ފާހަގަކުރެއްވި އެއްކަމަކީ އަންގޯރާ ހަނގުރާމައިގެ ހާދިސާއެވެ. 2003 ގައި އަޅުގަނޑު ވަނީ އެވާހަކަ ތަރުޖަމާކޮށް ޝާއިޢުކޮށްފައެވެ.

سلطـــان بــايـــزيــد ޔިލްދިރިމް ޢުޘްމާނީ ތާޖާއި ތަޚުތުގެ ވާރިސަކަށް ވެވަޑައިގެންނެވީ އޭނާގެ ބައްޕާފުޅު سلطـــان مــــــراد ޝަހީދުވުމުންނެވެ. ކޮސޯވޯގެ ހަނގުރާމައިގެ މައިދާނުގައެވެ. سلطـــان بــايـــزيــد އަކީވެސް އޭނާގެ ބައްޕާފުޅު ފަދައިން ނުހަނު ކެރިވަޑައިގަންނަވާ ހިތްވަރުފުޅުގަދަ ބަހާދަރެކެވެ. ކޮސޯވޯގެ ފަތަޙައިގައި އޭނާގެ ޙިއްސާ ވަރަށްބޮޑެވެ. އެދުވަހު އޭނާ މުސްލިމުންނަށް ގެއްލެމުންދިޔަ ބާޒީ ކާމިޔާބީއަކަށް ބަދަލުކޮށްދެއްވީ އިންތިހާދަރަޖައިގެ ބުޠޫލަތްތެރިކަމާއެކު ޖިހާދުކުރައްވައިގެންނެވެ. މުސްލިމު ތުރުކިއޭ ލަޝްކަރުގެ ފައިތިލަތައް މައިދާނުން އުފުރެމުންދާތަން އޭނާއަށް ފެނިވަޑައިގެންނެވުމުން ވަގުތުން އެހީފޮނުއްވިއެވެ. އެއަށްފަހު ޚުދު އޭނާ ވަރަށް ވަރުގަދަ ޙަމަލަތަކެއް ދެއްވައިގެން މުސްލިމުންގެ ފައިތިލަތައް އަލުން ސާބިތުކޮށްދެއްވިއެވެ. އޭނާ ވަރުގަދަ ދަގަނޑު ގުރުޒެއް ހިއްޕަވައިގެން ދުޝްމިނުންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެން ޖިހާދަށް ފެއްޓެވިއެވެ. ކްރޭޒީއާއި ލޭންޕޫލް ވިދާޅުވާގޮތުގައި އޭނާގެ ކުރިފުޅުމައްޗަށްއައި އެއްވެސް އެއްޗެއް ކޮޅަށްހުއްޓަނުދެއްވައި ބިންމަތިކޮށްލެއްވިއެވެ. ތިމަންމެންނަށް ފަތަޙަ ލިބޭނެކަން ޔަޤީންކޮށްގެންތިބި ޢީސާއީ ފަހުލަވާނުންތައް މައިދާން ދޫކޮށްފައި ފިލައިގެންދާން މަޖްބޫރު ކުރެއްވިއެވެ. سلطـــان بــايـــزيــد އަށް އޭނާގެ ބައްޕާފުޅު "ޔިލްދިރިމްގެ" ޚިޠާބުދެއްވީ ކޮސޯވޯ ހަނގުރާމައިގެ ގާތްގަނޑަކަށް ތިންއަހަރު ކުރީންނެވެ. އޭޝިޔާކޫޗަކުގައި ތުރުކުމާނުންނާ ކުރެވުނު ހަނގުރާމައެއްގައި بــايـــزيــد ދެއްކެވި ހިތްވަރުފުޅާއި ސާބިތުކަމުގެ ސަބަބުންނެވެ. އިދިކޮޅު ބާރުތައް ކަފާސްކުރައްވައި މުގުރައި ސުންނާފަތިކުރެއްވުމުގެ ސަބަބުންނެވެ. އެދުވަހުއްސުރެ ފެށިގެން އޭނާ ވަނީ بــايـــزيــد خــــان ޔިލްދިރިމްގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައެވެ.

(ނުނިމޭ)