ވިޔަފާރި

އައިފޯން 14ގެ ޑިމާންޑް ބޮޑުވެ، މީހަކަށް ގިނަ ވެގެން ދެ ފޯނު ގަނެވޭގޮތް ހަދައިފި

އާދަމް ނަސީރު

އެޕަލްގެ އެންމެ ފަހުގެ އައިފޯނަށް ޑިމާންޑް ބޮޑުވެ މީހަކަށް 2 ފޯނު ގަނެވޭ ގޮތް އެޕަލް ވެބް ސައިޓުން ހަދައިފިއެވެ. މި ބަދަލާ އެކު ކޮންމެ މީހަކަށްވެސް ގަނެވޭނީ އައިފޯން 14 ގެ ދެ ފޯނެވެ. ފަހުގެ އައިފޯން ތަކުގައި މާބޮޑު ތަފާތެއް ސިފައިގައި ނެތަސް މި ފަހަރުގެ އައިފޯން 14 ވެގެން ގޮސްފައިވަނީ އެންމެ ޑިމާންޑް ބޮޑު އެއްފޯނަށެވެ.

މިފަހަރުގެ ފޯނުވެސް އައިފޯން 13 އާއި މާބޮޑު ތަފާތެއް ބަލާ ބެލުމަށް ނެތަސް ފަހުގެ އައިއޯއެސް 16ގެ ފުރިހަމަ ބޭނުން ކުރެވޭނީ އައިފޯން 14 ޕުރޯއެއް އަތަށް އެރީމައެވެ. އެގޮތުން މޯބައިލް ރޭންޖު ނުލިބޭ ހިސާބެއްގައި ހުއްޓަސް ސެޓެލައިޓް މެދުވެރިކޮށް މެސެޖެއް ކޮށްލެވޭނެއެވެ. އަދި ހަމަ އެއާއި އެކު އައިފޯނު 14 ގެ ކެމެރާގެ މޮޅުކަމުގެ ވާހަކައާއި ބެޓެރީގެ ވަރުގަދަ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.

އެހެން ނަމަވެސް ތިންވަނަ ފަރާތެއްގެ އެޕްލިކޭޝަންތައް ބޭނުންކުރާއިރު މޮޅު އައިފޯން 14 ގެ ކެމެރާގެ މައްސަލަތަކެއް ހުރުމުން އެކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ. އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ޓިކްޓޮކާއި ގިނަ ބަޔަކު ރީތި ފޮޓޯތައް ޕޯސްޓުކުރާ އިންސްޓަގުރާމް ފަދަ އެޕްލިކޭޝަން ތަކުގައި އައިފޯން ކެމެރާ ހުޅުވާލުމުން ފޮޓޯ ވެއްޓޭ ގޮތް މެދުވެރިވާތީ އެޕަލް އައިފޯނަށް ޖޯކް ޖަހާ މީހުންވެސް މަދެއް ނޫނެވެ. އެޕަލްގެ އައު ފޯނުތައް ބާޒާރަށް ނެރޭ ކޮންމެ ފަހަރަކު މިފަދަ ކޮންމެވެސް ކޫސަނި ކަމަކާ އެޕަލްއިން ކުރިމަތި ލާންޖެހެއެވެ

.

ގިނަ ވެގެން ހަފުތާއެއްގެ ތެރޭގައި މި މައްސަލަ ހައްލުކުރާނެ ކަމަށް އެޕަލްއިން ބުނެފައިވާ އިރު މި ފަހަރުގެ ފޯނު ތަކުގެ ރީތި ކުލަތަކުގެ އިތުރުން އައު ފީޗާސްތައް ޓެެސްޓް ކޮށްލުމަށް ދިވެހި ޒުވާނުން އަންނަނީ މި ފޯނުތައް ގަންނަމުންނެވެ. މިފަހަރުގެ ފޯނުތައް މިހާރުވެސް ދިރާގު އަދި އޫރީދޫން ހުސްވެފައިވާއިރު ފޯނު ވިއްކާ ގިނަ ފިހާރަތަކުގައިވެސް ލިބެން ހުރީ ވަރަށް މަދު ފޯނެކެވެ.

އެހެން ކަމުން ރާއްޖޭގައިވެސް އައިފޯން 14 އަށް އޮތް ޑިމާންޑު ވަކި ކުޑައެއް ނޫނެވެ.