ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި އެވެ.
ބީއެމްއެލުން މި އަހަރުގެ ޖޫން މަހު އިފުތިތާހު ކުރި ފެހި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިފުތިތާހު ކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގުސަދުގައި ތައާރަފުކުރި ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮޖެކްޓް ހިންގުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި އަހަރު ފެހި ޕްރޮޖެކްޓަށް ދަށުން ހޮވި ފަސް ރަށަކީ:
- ނ. މާފަރު
- ޅ. ހިންނަވަރު
- މ. ދިއްގަރު
- ތ. ގުރައިދޫ
- ގދ. ގައްދޫ
ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ހޮވި ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރާނެ ކަމަށެވެ.
އަދި މި ޕްރޮޖެކްޓުގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށާއި އެގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު