ޚަބަރު

ފެނަކަގެ ދަރަނި 1.2 ބިލިއަން ރުފިޔާ؛ ސައީދު ވިދާޅުވަނީ ދަރަނި ދެއްކުމަށް ދައްޗެއް ނެތް ކަމަށް

މުހައްމަދު ޖަމްޝަތް ވަހީދު

1

ފެނަކަ ކޯޕަރޭޝަންގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ދަރަނި ދެއްކުމަށް އެއްވެސް ދަތިކަމެއް މިވަގުތު ނެތް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިފްކޯގެ އައިސް ޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ 2018 ވަނަ އަހަރު އޭނާ އެ މަގާމާ ހަވާލުވެލެއްވި އިރު، އެ ކުންފުނީގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

އަދި 2010 ވަނަ އަހަރުން ފެށިގެން އޭނާ ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ކެޕިޓަލް އިންވެސްޓްމަންޓަށް ކުންފުނިން ދިހަ ޕަސެންޓްވެސް އިންވެސްޓް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް އޭނާ އެ މަގާމާ ހަވާލުވެލެއްވި ފަހުން ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އިޖުތިމާއީ މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުގައިވެސް އެ މަޝްރޫއުތައް ހިންގަމުންވެސް ފެނަކައިން ދިޔައީ ބަރާބަރަށް ދަރަނި ދައްކަމުން ކަމަށާއި ކުރިން ދަރަނިވެފައިވާ އަދަދު ހިމެނޭ ގޮތަށް މިހާތަނަށް 60 ޕަސެންޓް ދައްކާފައިވާނެ ކަމަށެވެ. އަދި މިހާރު ކުންފުނީގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދައްކަން. ކޮވިޑްގެ ހާލަތު ދިމާވި އިރުވެސް އަޅުގަނޑުމެން ބަރާބަރަށް ދައްކަމުން އައީ. އެއީ ހުއްޖަތެއް ކަމަށް ހަދައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓާލައިގެން ނުތިބެން. ފެނަކައަށް ބަލާކަމަށް ވަނީ ނަމަ ފެނާއި ނަރުދަމާގެ މަސައްކަތް 73 ރަށެއްގައި މި ވަގުތުވެސް އަޅުގަނޑުމެން ކުރަމުން މިދަނީ. އެއީ އެއްވެސް ފައިސާއެއް ނަގައިގެން ކުރާ ކަމެއް ނޫން. މަހެއްގެ މައްޗަށް 27 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ރައްޔިތުންނަށް އެ ހިދުމަތް އަޅުގަނޑުމެން ދެން،" ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އެ ދަރަނީގެ ވާހަކަ އެ ދައްކަނީ ކޮން މަގުސަދެއްގައި ކަމެއް. ދަރަނި ނެތީ ކޮން ކުންފުންޏެއްގައިތޯ؟ ދަރަނި ނެތީ ކޮން ބައެއްގެ އަތުގައިތޯ؟ އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އަޅުގަނޑުމެންގެ ސަރުކާރަށް ގާބިލްކަން ލިބިގެންވާ މިންވަރަކުން ދަރަނި ދައްކަމުން އަންނަނީ،"

ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވަމުން ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވައިފައެވެ.

ސައީދަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެ ތުހުމަތުތަކަކީ ކުރީގައި ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ގޮތަށް މިއަދު އެ ކުންފުނީގައި އެކަން ނުކުރެވޭތީ ބަޔަކުކުރާ ތުހުމަތުތަކެއް ކަމަށެވެ. ފެނަކަ ކުންފުންޏަކީވެސް އަދި މިހާރުގެ ސަރުކާރަކީވެސް ކޮރަޕްޝަނާއި ވައްކަމުން އަމަލުތައް ހިންގާނެ ބައެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.

"އިންސާނާގެ ތޮބީއަތަކީ އިންސާނާގެ އަތުގައި އޮތް އެއްޗެއް ނިގުޅައިގަނެވެއްޖިއްޔާ އަދި ބޭނުން ނުކުރެވޭ ހާލަތެއް އަތުވެއްޖިއްޔާ އެ ވާހަކަދައްކާނެ. އަސްލު ހަގީގަތަކީ ފެނަކައަށް އަމާޒުވާ އަމާޒުވުންތަކަކީ މާޒީގައި މިތަނުގައި ކުރި ކަންކަން ނުކުރެވޭތީ. އެއީ ކޮރަޕްޝަން. އެއީ ވައްކަން. ފެނަކަ ތެރޭގައި މިހާރު ނޯންނާނެ އެ ވަސީލަތެއް. ޖުމުލަކޮށް ބުނާ ކަމަށްވަނީ ނަމަ އަތުގައި އޮތް އެއްޗެއް ބީވެގެން ދިޔައީމަ އެ ވާހަކަ ދެކެވެނީ. ހިތަށް ކުރާ ތަދަކުން، އަސަރަކުން،" ސައީދު ވިދާޅުވިއެވެ.

ތުހުމަތުތައް ދޮގުކުރައްވަމުން ސައީދު އިތުރަށް ވިދާޅުވީ މިހާތަނަށް އެއިން އެއްވެސް ތުހުމަތެއް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި އެ ތުހުމަތުތައް ސާބިތުކޮށްވެސް ނުދެވޭނެ ކަމަށެވެ.