Close
ޚަބަރު

ލިޔުންތައް ނެގުމަށް މަޖިލީހުން މީޑިއާތަކަށް އެންގުން، މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފު: އެޑިޓާސް ގިލްޑް

އިބްރާހިމް ޒަކީ

މީޑިއާ ތަކުގައި ޝާއިއު ކުރާ ހަބަރާއި މައުލޫމާތު ނެގުމަށް ރައްޔިތުންގެ މަޖިލީހުން އެންގުމަކީ، މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފުކަމެއް ކަމަށް އެޑިޓާސް ގިލްޑް މޯލްޑިވްސް އިން ބުނެފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވާއިދުތަކުގެ މައްސަލައިގައި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ހާޒިރުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ން އިއްޔެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން ނިންމާފައި ވަނިކޮށް އެ ކޮމިޓީގައި މިނިސްޓަރު ދެއްކެވި ބައެއް ވާހަކަތައް، ބައެއް މީޑިއާތަކުގައި ވަނީ ޝާއިއު ކޮށްފައެވެ. އެކަމާ ގުޅިގެން އެ ލިޔުންތައް ނެގުމަށް މަޖިލީހުން ނޫސްތަކަށް އެންގިއެވެ.

އެ މައްސަލައާ ގުޅިގެން އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކި ވާހަކަތައް، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް، އެ ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން އެންގުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ލިބޭ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ މައުލޫމާތެއް ރިޕޯޓު ކުރުމުގެ ހައްގު ނޫސްވެރިޔާއަށް އޮންނާނެ ކަމަށާއި، ރިޕޯޓު ކުރުމުގައި އެ މަސްދަރަކުން ލިބުނު މައުލޫމާތުން ހާމަކުރާނެ މިންވަރު ކަނޑައެޅުމުގައި ނޫސްވެރިޔާ ސަމާލުވާންޖެހޭ ކަންކަން ރާއްޖޭގެ ނޫސްވެރިން އަމަލު ކުރާ މިންގަނޑު ތަކުގައި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ދެކެވުނު ވާހަކަތަކާ ގުޅިގެން މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ހަބަރުތަކުގައި، އެކަމެއް ރިޕޯޓު ކުރުމުން ގައުމީ މަސްލަހަތަށް އުނިކަމެއް އަތުވެދާނެ، އަދި އެނޫންވެސް ނޫސްވެރިކަމުގެ މިންގަނޑުން ރިޕޯޓު ނުކުރެވޭނެ ވާހަކަތަކެއް ހުރި ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 146 ވަަނަ މާއްދާއިން އެނގޭ ގޮތުގައި، ކޮމިޓީ ތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެއްކަން ވެސް ފާހަގަ ކުރަމެވެ،" ގިލްޑުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން، މީޑިއާ ތަކުގައި ޝާއިއު ކުރާ ހަބަރާއި މައުލޫމާތު ނެގުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށާއި، މީޑިއާއަކުން އުފައްދާ އެއްވެސް ކޮންޓެންޓަކާމެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮންނަ ހާލަތުގައިވެސް އެކަންކަން ބަލަން ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށްވެސް ގިލްޑުގެ ބަޔާނުގައި ބުނެފައިވެއެވެ.