ޚަބަރު

ނޫސްތަކުން ހަބަރު ނަގަން މަޖިލީހަށް އެންގިދާނެ ކަމަށް ގަބޫލެއް ނުކުރަން: އެމްޖޭއޭ

އަލީ ޔާމިން

ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް ދިމާވި "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން ލައިވް ކުރެވުނު ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނޫސްތަކުން ނަގަން މަޖިލީހުގެ އިދާރާއަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) އިން މިއަދު ބުނެފިއެވެ.

ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި، 241 ކޮމިޓީގެ ސިއްރު ބައްދަލުވުން ވަނީ ޓެކްނިކަލް މައްސަލައަކާ ހުރެ ގަޑިއެއްހާއިރަށް ލައިވްވެފައެވެ. އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ނަމަވެސް، ކޮމެޓީގައި ދެކުވުނު ވާހަކަތަކަށް ބިނާކޮށް، ބައެއް ނޫސްތަކުން ވަނީ ހަބަރު ހަދާފައެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ، އެ ކޮމިޓީގައި ދެކެވުނު ވާހަކައިގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނެގުމަށް އަންގައިފައެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަޖިލީހުގެ 241 ކޮމިޓީގެ ކޮމިޓީގެ އޯޑިއޯ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އާއްމުވެ، އެ އޯޑިއޯއާ ހަވާލާދީ ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި 50 މިނެޓް ވަންދެން އެ ކޮމިޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް މަޖިލީހުގެ އިދާރާއިން އަންގާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެހެން އެކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެޖަމިއްޔާއިން ބުނި ގޮތުގައި ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ ލިޔުމެއް ނެގުމަށް މަޖިލީހުން ސީދާ އެ ނޫހަކަށް ނޭނގޭނެއެވެ. އަދި އެފަދަ ކަންބޮޑުވުމެއް އޮތް ނަމަ އަންގަން ޖެހޭނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށްވެސް ބުންޏެވެ.