ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިއަދު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާ އެމްޓީސީސީން ހަވާލުވީ މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 26.6 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 45،024 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.
މީގެ އިތުރުން 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 641 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.