ޚަބަރު

ވެހިކަލްތަކުގެ ނަމްބަރު ބޯޑު ގަވާއިދަށް ނެތްނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

މުހައްމަދު އިޝާން

1

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ނުހުންނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، އީންޖުލީ އުޅަނދުތަކުގެ ނަމްބަރު ބޯޑު ރަނގަޅުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ހޯމަ ދުވަހު އަންގާފައިވާ ކަމަށެވެ. މިމަސް ނިމެންދެން ނަމްބަރު ބޯޑު ރަނގަޅަށް ނުހުންނަމަ ރަނގަޅުކުރަން ނަސޭހަތްތެރިވާނެ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ފިޔަވަޅުއަޅަން ފަށާނެ ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަމްބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"އާ ހިލާފަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

ގަވާއިދުގައިވަނީ ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަމްބަރު ޖަހާއިރު، ނަމްބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށެވެ. އެ ގަވާއިދުގައިވަނީ ނަމްބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަވާނެ ވަރާއި ގޮތް ވެސް ބަޔާންކޮށްފައެވެ.

އަދި ނަމްބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު، އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް، ނަމްބަރު ބޯޑުގެ ބޭރަށް ނުކުމެފައި ހުރެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމްބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނަމްބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.

އެ ގަވާއިދުގައިވާ ގޮތުން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަވާނީ ރީނދޫ ކުލައިންނެވެ. އަދި އަކުރުތައް ހުންނަންވާނީ ކަޅުކުލައިންނެވެ. ޑިޕްލޮމެޓިކް އުޅަނދުތަކުގައި ހުންނަވާނީ ނޫކުލައިގެ ނަމްބަރު ބޯޑެއްގައި ހުދުކުލައިން އަކުރުތައް ލިޔެފައި ކަމަށެވެ. އެ ނޫން އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.