ޚަބަރު

ޔޯގާ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

ރާއްޖޭގައި ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ހިންގި ހަމަނުޖެހުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އިދިކޮޅު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ޝަރީފް ހުށަހަޅުއްވާފައި ވަނީ، އިސްލާމް ދީނުގައި ޔޯގާއާ ގުޅޭ ގޮތުން ބަޔާންކޮށްފައި އޮންނަ ގޮތް ފަތުވާ މަޖިލީހުުން ބަލާފައި ނެތުމުގެ އިތުރުން އިޖުރާއަތާ ހިލާފަށް އިސްލާމިކް މިނިސްޓްރީގެ ތެރެއިން އެކަމާބެހޭ ސިޓީއެއް ފޮނުވާފައިވާ މައްސަލައެކެވެ.

އަދި އިޖުރާއަތްތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ޔޯގާއާ ގުޅޭ ގޮތުން ފަތުވާ ނެރެ، ޔޯގާ ހަރަކާތް ހުއްޓުވަން އަންގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެ ސިޓީއެއް ފޮނުވި ގޮތެއް ބަލައިދިނުމަށް ޝަރީފް ވަނީ އެދިފައެވެ.

އެ މަައްސަލައާ ގުޅިގެން އިސްލާމިކު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ފުލުހުން އެ ކޮމިޓީއަށް ހާޒިރުކުރަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލައި އެ ހަރަކާތުގެ ތެރެއަށް ބަޔަލު ވަދެގަނެ ހަމަނުޖެހުން ހިންގީ އެ ހަރަކާތަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެއެވެ.