ޚަބަރު

ގަމުން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހާ ފެނިއްޖެ، ހާލު ރަނގަޅު

ރިފާ ހަލީލު

ލ. ގަމުން އިއްޔެ ހަވީރުން ފެށިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހާ ހެޔޮ ހާލުގައި ހުއްޓާ ފެނިއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.

އިއްޔެ ހަވީރު 17:45 އިން ފެށިގެން ހޯދަމުން ދިޔައީ ގަމު ތުނޑީ އަވަށު، ރަތްފުސްގެ، ހަދީޖާ އަބްދުއްރަހުމާނެވެ.

ހަދީޖާ އަށް ބޮޑުދައިތަ ކިޔާ މީހަކު "ވަން" އާ ވާހަކަ ދައްކަމުން މިއަދު ބުނީ އެމީހާ ފެނުނީ އެރަށު ވަލުތެރެއިން ކަމަށެވެ.

އޭނާ ބުނީ ހަދީޖާ ފެނުނުއިރު ހާލު ރަނގަޅު ކަމަށާއި ނަމަވެސް ވަރުދެރަވެފައި ހުރުމުން ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

ގަމުގައި ތިބި ސިފައިންނާއި ފުލުހުންނާއި ކައުންސިލާއި އާންމު ރައްޔިތުންގެ އެއްބާރުލުމާއެކު ހަދީޖާ ފެނުނީ މިއަދު ހެނދުނު 6:25 ހާއިރުއެވެ.

އުމުރުން 65 އަހަރުން މަތީ ހަދީޖާ ފެނުނު ވަލަކީ އޭނާ ދިރިއުޅެމުން އަންނަ ގެއާއި ވަރަށް ކައިރީގައި އޮންނަ ވަލެއް ކަމަށާއި އެ ވަލަށް ވަނީ ކީއްކުރަން ކަން ނޭނގޭ ކަމަށް އާއިލާގެ ފަރާތުން ބުންޏެވެ.