ޚަބަރު

ލ. ގަމުން އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަނީ

މުހައްމަދު އިޝާން

ލ. ގަން، ތުނޑީ އަވަށުން އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ގަން، ތުނޑި، ރަސްފުސްގެ ހަދީޖާ އަބްދުއްރަހުމާން، 85އ. އެވެ. ހަދީޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު 5:30 ހާއިރެވެ.

ގަން ކައުންސިލް މެމްބަރު އަބްދުﷲ އާސިފް "ވަން" އަށް މިރޭ ވިދާޅުވީ، ހަދީޖާ އަދިވެސް ނުފެންނަ ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ހުދުކުލައިގެ ކުދިމާ ޖެހި ކަޅުކުލައިގެ ހެދުމެއް ކަމަށާއި އަޅާފައި ވަނީ ނޫކުލައިގެ ބުރުގާއެއް ކަމަށް އާސިފު ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ ހަދީޖާ އެންމެ ފަހުން ފެނިފައިވަނީ ގަމުގެ އައްސޭރި ހިސާބުން ކަމަށެވެ. އަދި އޭގެ ކުރިން، 5:18 އެހާކަންހާއިރު އޭނާ އެރަށުގެ މަގެއްގައި ހިނގާފައިދާ މަންޒަރު، އެރަށުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ގަމުގެ ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ކުރަމުންދާ ކަމަށާއި ރަށުގެ އަތިރިމައްޗާއި އާއި މޫދު ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އާސިފު ވިދާޅުވިއެވެ.

ހަދީޖާ ހޯދުމުގެ މަސައްކަތް އެރަށުގެ ރައްޔިތުން ކުރަމުންދާ އިރު، ރޭ 7:00 އިން ފެށިގެން ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.