ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގައި ހިންގި ކަމަށް ތުހުމަތު ކުރާ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޮއީ) ކޮމިޓީއަށް ހާޒިރކުރަން ނިންމައިފިއެވެ.
މި މައްސަލައަކީ، ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެކެވެ.
ނިހާދު ވިދާޅުވީ ޕީއެސްއެމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއްގެ ވާހަކަ ދެކެވެމުން އަންނައިރު، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައި އެ މަސައްކަތް އައުޓްސޯސްކުރަން ނިންމާފައިވާ ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ވާހަކަ ޕީއެސްއެމްއާ ގުޅިގެން ދެކެވެމުން ދާތީވެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ކޮމިޓީން ބެލުމަށް ހުށަހަޅުއްވާ ކަމަށެވެ.
"އެއީ އެފަދަ ކަމެއް ހިނގާ ނަމަ، އަޅުގަނޑުމެން މޮނީޓާ ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ،"
މެމްބަރު ނިހާދު ހުށަހެޅުއްވި ގޮތަށް ކޮމިޓީން މި މައްސަލަ ބެލުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީއެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.
އެހެންކަމުން 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ކަން ހިނގާފައިވާ ގޮތް ހޯދުމަށް ކޮމިޓީން ނިންމިއެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ހިޔާނާތާ ގުޅިގެން ޕީއެސްއެމް އިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއާ މެދު ވެސް މެމްބަރުން މަޝްވަރާކުރެއްވިއެވެ. އެ ސިޓީގައި ބުނެފައިވަނީ، ހިޔާނާތް ފޮރުވަން، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެ ޑީޕާޓްމަންޓު އުވާނުލާ ކަމަށާއި ނަމަވެސް އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު ގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމުން ބުނެފައި ވަނީ ފާއިތުވި 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލުވެފައި ނުވާ ކަމަށެވެ. އަދި އެ ޑިޕާޓްމެންޓުން ދަނީ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަމުން ކަމަށެވެ. އެހެންވެ ކުންފުނީގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
އެކަމާ ގުޅިގެން އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓް އުވާލީ 100 މިލިއަން ރުފިޔާގެ ހިޔާނާތް ފޮރުވަން ކަމަށް ޕީއެސްއެމްގެ ޗީޕް އިންޓާނަލް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ އަހުމަދު ފަޒީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު