ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބުރޭ) އިސްތިއުފާ ދެއްވައިފިއެވެ.

އިބުރޭ މިއަދު "ވަން" އަށް ވިދާޅުވީ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އޭރު ހުންނެވީ ޗުއްޓީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ފެނަކައިން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށް އިބްރޭ ވިދާޅުވިއެވެ. ނަމަވެސް އިސްތިއުފާދެއްވީ ކޮން ސަބަބުތަކަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރައްވައެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބުރޭ އިސްތިއުފާދެއްވާފައިވާ އިރު، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އޭނާ ހުށަހަޅުއްވާފައިވާ ކަމަށްބުނާ އިސްތިއުފާގެ ސިޓީ ވަނީ މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ސިޓީއާ ގުޅިގެން އިބުރޭ ވިދާޅުވީ އެ ސިޓީއާ ގުޅުންހުރި އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

"ތި ސިޓީއެއް ނުދެކެން. ސިޓީއާ ގުޅިގެން އެއްވެސް މީޑިއާއަކަށް އިންޓަވިއެއް ވެސް ނުދެން،" އިބުރޭ ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ޖެނުއަރީ 2019ގައެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް އިސް މަގާމުތައްވެސް ފުރުއްވައިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ވަނީ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަން ކަމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަން ނައިބެވެ. އަދި އޭނާ ވަނީ އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސްކަންވެސް ކުރައްވައިފައެވެ. އޭނާ ވަނީ މިއަހަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން މެނޭޖަރުކަން ވެސް ކުރައްވައިފައެވެ.