ގއ. ދާންދޫއަށް 25 ހެކްޓަރު އިތުރުކޮށް, މިހާރު އެރަށުގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ރޭގަ އެވެ. މިއީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި 110 މަޝްރޫއެއް ހިންގަމުން އަންނަ އެމްޓީސީސީން އިތުބާރާއެކު ފެންވަރުގައި ކުރަން ނުހަނު ފަރިތަ ކަމެކެވެ.
ނަމަވެސް މީގެ 27 އަހަރު ކުރިން, 1995 ވަނަ އަހަރު އެމްޓީސީސީން ފަޅު ފުންކުރުމުގެ މަސައްކަތް ފެށީ މަދު އެކްސްކަވޭޓަރާއެކު އެވެ. އޭގެ ފަހުން ބިން ހިއްކަން ހާއްސަކޮށްގެން ކަޓާ ސަކްޝަން ދެ ޑްރެޖަރު އޮޕަރޭޝަނަށް ގެނަ އެވެ. އަދި އަހަރުތަކެއް ފަހުން 3,700 ކިއުބިކް މީޓަރުގެ ހޮޕާ ސަކްޝަން ޑްރެޖަރު "މަހާ ޖައްރާފު" އެމްޓީސީސީގެ ޑްރެޖިން ފްލީޓަށް އިތުރުކުރި އެވެ.
އެއާއެކު އެމްޓީސީސީ ވެގެން ދިޔައީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖިން ފްލީޓް އޮތް ކުންފުންޏަށެވެ. ކަނޑުގެ 50 މީޓަރު އަޑިން ވެލި ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރިން ކުރަމުން އައި ބޭރު ކުންފުނިތަކުގެ ބަދަލުގައި, އެކަން ކުރަމުން އައީ ދިވެހިންނާއެކު ދިވެހި ކުންފުނި, އެމްޓީސީސީންނެވެ.
މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރު ތެރޭގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިންގިލާބީ ބަދަލުތަކެއް އެ ކުންފުނިން ގެނެސްފި އެވެ. 300 ހެކްޓަރުގެ ބިން ހިއްކައިދީފި އެވެ. އެތައް ރަށެއްގެ ބިމުގެ ދަތިކަން ހައްލުކޮށް, ބައިނަލްއަގުވާމީ ފެންވަރުގެ މަޝްރޫއުތައް އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދޭން ފަށައިފި އެވެ.
ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދައްކާލި އެމްޓީސީސީގެ އާ ޑްރެޖަރު, "ބޮޑު ޖައްރާފު" އާއެކު ގާބިލުކަން އިތުރަށް ބޮޑުވެ, މަޝްރޫއުތައް ހަލުވިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ގަބޫލުކުރައްވަ އެވެ. އެގޮތުން މިހާރު ދުވާލަކު ހެކްޓަރަކަށްވުރެ ކުޑަ ސަރަހައްދެއް ހިއްކޭ އިރު, އާ ޑްރެޖަރާއެކު ދުވާލަކު 1.5 ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލުކަން އެމްޓީސީސީއަށް ލިބުނީ އެވެ.
ބޮޑު ޖައްރާފާއަކީ ޑްރެޖިންއާއި އޮފްޝޯ އިންޑަސްޓްރީތަކަށް ބޮޑެތި ބޯޓުފަހަރު ބަންނަން ދުނިޔޭގެ މަޝްހޫރު ނެދަލޭންޑްސްގެ ރޯޔަލް އައިއެޗްސީން 2021 ވަނަ އަހަރު މާކެޓަށް ނެރުނު ބީވާ މޮޑެލްގެ ކަޓާ ސަކްޝަން ޑްރެޖަރެކެވެ.
މިއީ މެއިންޓަނެންސް ހަރަދު ކުޑަ, އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އަދި "ޕާފޯމަންސް އެކްސެލެންސް"އަށް މަޝްހޫރު ޑްރެޖަރެކެވެ. އެ ޑްރެޖަރަށް ކަނޑުގެ 18 މީޓަރު އަޑިން ވެލި ނަގުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
އާ ޑްރެޖަރާއެކު އުފާވެރިކަން ލިބެނީ ހަމައެކަނި މަޝްރޫއުތައް ހަލުވިވުމަކުން ނޫނެވެ. މިއަދު އެމްޓީސީސީ ވަނީ މި ސަރަހައްދުގައި ޑްރެޖިން ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށްވެސް ވެފަ އެވެ. އަދި އަލަށް ގެނައި ޑްރެޖަރުގައި މަސައްކަތް ކުރާނީ އެކަމަށް ހާއްސަ ތަމްރީން ދީފައިވާ 100 ޕަސެންޓް ދިވެހިންގެ ޓީމަކުންކަމީ ލިބޭ އިތުރު އުފަލަކާއި ފަހުރެކެވެ.