އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދެވަނައިގެ ތައުޒިޔާ ދަފުތަރުގައި ފަސްޓް ލޭޑީ އެކަމަނާގެ މަންމަގެ ހާއްސަ މެސެޖެއް ލިޔުއްވައިފިއެވެ.

ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފަޒްނާ މިއަދު ވަނީ ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިޔުއްވައިފައެވެ.

ތައުޒިޔާގެ ދަފުތަރުގައި ފަޒްނާ ވިދާޅުވީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ހޮސްޕިޓަލުގައި އޮންނެވި އެކަމަނާގެ މަންމަގެ އަރިހަށް ޒިޔާރާތް ކުރެއްވުމުން، ރާނީ ކުރެއްވި ހިދުމަތަށް ސާބަސް ދެންނެވުމަށް ވިދާޅުވި ކަމަށެވެ.

އެހެންވެ އެ ދަފުތަރުގެ ލިޔުމުގައި އެކަން ފާހަގަކުރައްވައި، ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ މައެއްގެ ގޮތުގައި އެކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތައުރީފު ކުރައްވައިފައެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި މެސެޖްގައި ވަނީ ރާނީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު އެކަމަނާގެ ގައުމުގައި އެކަމަނާގެ ގާތް ބޭފުޅުންނާ އެކު އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާނީގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، އެތައް ޖީލުތަކަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް އެމަނިކުފާނު ލިޔުއްވިއެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތު ގަޑިން މާދަމާ ހެނދުނު 11:00 ގައެވެ.

ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.