ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އިނގިރޭސި ރާނީ އެލިޒަބަތް ދެ ވަނައަށް އެންމެފަހުގެ އިހްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިޔުއްވާފައިވާ ކަމަށެވެ.

އެ ދެ މެސެޖުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އަށާއި ޝާހީ އާއިލާއަށާއި އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާ ކަމަށާއި އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާ އެކު އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފައިވެއެވެ. ރާނީ އެލިޒަބަތު ދެވަނައިގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ، އެތައް ޖީލުތަކަކަށް ދެމި އޮންނާނެ ހަނދާންތަކެއް ކަމަށް ވެސް ރައީސް ލިޔުއްވާފައިވެއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ތައުޒިޔާ ދަފުތަރުގައި ލިޔުއްވި މެސެޖުގައި ވިދާޅުވީ، ރާނީ އަވަހާރަވުމަކީ އެކަމަނާ އާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމަ އާއި މޮޅިވެރިކަން ގެނުވި ކަމެއް ކަމަށެވެ.

އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތު ގަޑިން މާދަމާ ހެނދުނު 11:00 ގައެވެ.

ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.