އެކިމީހުންގެ ގައިގައި ހުންނާނީ އެކިކަހަލަ ހުނަރުތަކެވެ. ބައެއް މީހުންނަކީ އިލްމަކާއި ނުލައި، ދުނިޔެއަށް އަންނައިރުވެސް ހުނަރަކާއެކީ އައުމުގެ ސަބަބުން އެހިލްމުން ދުނިޔޭގައި ކާމިޔާބުގެ ހަރުފަތަކަށްފަހު ހަރުފަތަކުން ބޭނުންވާ ހިސާބަކަށް ވާސިލުވާން ނުހަނު ފަސޭހަ ބައެކެވެ. އަނެއްބައިމީހުންނަކީ ހުނަރެއް ލިބިފައި ހުރިނަމަވެސް އިލްމު ލިބިގެންނޫނީ ކުރިއަށް ނުދެވޭ މީހުންނެވެ.
އައްޑޫސިޓީގެ ހިތަދޫ ގިއުޅިލާށިމާގޭ އައިމިނަތު ޝަހީދާ އާއި އެރަށު ވައިލެޓްފެހި އަލްމަރްހޫމު އިބްރާހީމް ނަސީރުގެ ފަސްވަނަ ދަރިފުޅު މުހައްމަދު ނަތުފު ނަސީރަށް މިހާރު 18 އަހަރެވެ. ދާދި އިހަކަށްދުވަހު 18 އަހަރުވީނަމަވެސް ނަތުފު ވަރަށް ކުޑަކުޑައިރުއްސުރެ ހާއްސަވާ ސަބަބަކީ ނަތުފަށް ލިބިފައިވާ ހުނަރެވެ. އެއްވެސް ކޯހެއް ނުހަދައި ފޮތެއް ނެތި އެދުރުވަމުން އައި ނަތުފު މަޝްހޫރުވެފައިވަނީ "އައްޑޫސިޓީގެ ޅަޒުވާން ޓެކްނީޝަން"ގެ ނަމުންނެވެ.
ނަތުފުގެ މިގާބިލުކަމާއި ހުނަރުވެރިކަން ސީދާ ލޮލުން ފެނުނު ފަދައެވެ. ވަރަށް ގާތް ފަރާތަކުން ނަތުފުގެ މަސައްކަތުގެ ވާހަކައާއި ވަރަށް ގިނަގޮތްގޮތުންވެސް ރަނގަޅު ނުކުރެވުނު އިލެކްޓްރޯނިކް އެއްޗެއް ނަތުފުގެ ކުޅަދާނަކަމުން ރިޕެއާ، އަލުންބަލުން މުޅިން އާއެއްޗަކަށް ބަދަލުކޮށްދިން ވާހަކަ އިވުނީއްސުރެ ނަތުފާ ބައްދަލުވެ، ނަތުފުގެ ވާހަކަ އޮޅުންފިލުވަން ބޭނުންވިއެވެ.
"ކުޑަކުޑައިރުއްސުރެ، އަތުޖެހުނު ކޮންމެ އެއްޗެއް ރޫޅާލައިގެން ހަދަނީ. ކުޅޭ އެއްޗެއް ދިނަސް ވަގުތުން ރޫޅާލަނީ. އެގޮތަށް ރޫޅައިގެން އަމިއްލައަށް އެއެއްޗެއްގެ އެތެރެ ބަލައިގެން ވިސްނައިގެން ރިޕެއާ ކުރަނީ. މިހާރު ވީޑިޔޯ ބަލައިގެން ދަސްކުރަން. އެކަމަކު ފުރަތަމަ ހަމަ އަމިއްލައަށް އެހެންމިހެން އެއްޗެހި ބަލައިގެން ދަސްކުރީ. ތަފާތަކީ މިހާރު ސޯޝަލްމީޑިޔާ އާއްމުކަން."
އިންޓަސުކޫލް ސައިންސް ފެއާއެއްގައި އަމިއްލަ ހިޔާލާއި ވިސްނުމަށް ހަދާފައި ހުރި ނަތޫފުގެ އުފެއްދުމަށް އެއްވަނަ ލިބުން ވެގެން ދިޔައީ ނަތުފަށް މިފަދަ މަސައްކަތްތައް ކުރުމަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެކެވެ.
ނަތުފަކީ "ބޯން ޓެލެންޓް" އަކުން ކުރިއަރައިގެން އަންނަ ޓެކްނީޝަނެކެވެ. ރަށުގެ އެތައް ބަޔަކަށް ކޮމްޕިއުޓަރ، ލެޕްޓޮޕްގެ މައްސަލަ ޖެހުމުން އެންމެ އިތުބާރާއެކުގައި އެ މަރާމާތުކޮށްދޭނޭ ޓެކްނީޝަނަކަށް ހިޔާރުކުރެވެނީ ނަތުފެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނަތުފުގެ އަމިއްލަ ހިޔާލާއި އަމިއްލަ ވިސްނުމުން އެފަދަ މަސައްކަތްތައް ކުރުމުގައި ހުންނަ ފުރިހަމަކަމުންނެވެ. ކުރެވޭ އިތުބާރާއި އޮންނަ ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.
މިފަދަ މަސައްކަތެއް ކުރާވަރަށް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާވަރަށް ރަށުން ބޭނުންވާ ސާމާނު ނުލިބުމަކީ ދިމާވެފައިވާ ވަރަށްބޮޑު ދައްޗެއްކަމަށް ނަތުފު ބުންޏެވެ. މިދުވަސްކޮޅު މިމަސައްކަތާ ތަންކޮޅެއް ދުރުގައި ހުއްޓަސް ނަތުފަށް މިއީ ދޫކޮށްލެވޭނެ ކަމެއް ނޫނެއެވެ. ސަބަބަކީ ލިބޭ އާމްދަނީއަށްވުރެ ބޮޑަށް މިކަމަށް ނަތުފުގެ ހިތް ދެވިފައިވާ ވަރު ބޮޑުކަމުންނެވެ.
ސްކޫލުގައި އުޅުނު ދުވަސްވަރު ގޭތެރޭގައި ހުރި ތަންކޮޅެއްގައި މިމަސައްކަތް ކުރަން ފެށީ ނަތުފުގެ ފަރާތުން މިހިދުމަތް ބޭނުން ބަޔަކުވެސް ތިބުމުންނެވެ. އެންމެ ރަނގަޅުވަރުގެ އާމްދަނީއެއް ނަތުފަށް އޭނާއާ ހަވާލު ކުރެވޭ މަސައްކަތްތަކުން ލިބުނެވެ. މިއީ ނުހަނު ރަނގަޅު ޑިމާންޑެއް އޮންނަ މީހުން ބަލައިގަންނަ މަސައްކަތެއްކަމަށް ނަތުފު ބުންޏެވެ. މިދުވަސްކޮޅު ވަކި މާބޮޑު ކަމެއް ނުކުރިޔަސް، ނަތުފު އަނެއްކާވެސް އޭނާގެ ޓެކްނީޝަން މަސައްކަތަށް އެނބުރި އަންނާނެކަމުގެ އުފާވެރި ހަބަރު ނަތުފުގެ ގާބިލު ހުނަރުވެރިކަމުން އެހީ ބޭނުންވާ މީހުންނަށް އުފާވެރި ހަބަރަކަށް ވާނެއެވެ.
ނަތުފުގެ އުއްމީދުތަކާއި ހުވަފެންތައް އޭނާގެ އުމުރާ އަޅައިބަލާއިރު ވަރަށް ކުޑައިރުއްސުރެވެސް ނުހަނު ބޮޑެވެ. ނަތުފު ބޭނުންވަނީ އޭނާގެ އަމިއްލަ އުފެއްދުންތަކުން އެހެންމީހުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ވެގެންދިއުމެވެ. ސީދާ ވަކިކަމެއް ނުބުންޏަސް މިދުވަސްކޮޅު ނަތުފު މިމަސައްކަތާ ދުރުގައި ހުރި ކޮންމެވެސް އުޒުރުވެރިކަމެއް އޮންނާނެއެވެ. އެހެންނަމަވެސް އެއީ ވަކި ކީއްވެގެންކަމެއް ނަތުފު ނުބުނެއެވެ. ޔަގީންކަމާއެކު މިއީ މިދާއިރާއިން އޭނާ ގެއްލުނީނޫންކަމާއި އޭނާގެ އަމިއްލަ އުފެއްދުންތަކެއް ފެންނާނެކަމަށް ނަތުފު ބުންޏެވެ.
ނަތުފު ފަދަ ޒުވާން ކުދިން މިފަދަ ދާއިރާތަކުން ފެނުމަކީ އުފެއްދުންތެރި ދިވެހި ޒުވާނުން ތިބިކަމާއި އެކަށީގެންވާ އިލްމަކާއި ތަމްރީނުތަކެއް އަދި ސާމާނުތަކެއް ލިބިގެން މިފަދަ ކުދިން ކުރިއެރުވިދާނެކަމުގެ ހެއްކެކެވެ. އަދި މިއީ ގައުމުގެ ކުރިއެރުމާއި ތަރައްގީ، ފަންނުވެރިކަމުގައި އޮތްކަމުގެ މިސާލެއްވެސްމެއެވެ.