ޚަބަރު

ބަސް ދަތުރުތައް އިތުރު ދެ ހަފުތާއަށް ހިލޭ

މުހައްމަދު އިޝާން

1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިމަހުގެ ފަސް ވަނަ ދުވަހު ފެށި މިނީ ބަހުގެ ހިދުމަތް، އިތުރު ދެ ހަފުތާއަށް ހިލޭ ދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.

މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށީ، ދެ ހަފުތާއަށް އެ ހިދުމަތް ހިލޭ ދިނުމަށްފަހު އަގު ނަގައިގެން ދިނުމަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މިނީ ބަހުގެ ޓިކެޓުގެ އަގަކީ ހަތް ރުފިޔާއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރު ދެ ހަފުތާއަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިނީ ބަހުގެ ހިދުމަތް އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމަޔަށް ހިލޭ ލިބޭނެއެވެ.

"ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުސަތު ދިނުމާ އެކު ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން. އަދި ހިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ބޭނުން ކުރަންޖެހޭ އާރްޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުން،" އެމްޓީސީސީން ބުންޏެވެ.

ހިލޭ ދަތުރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އާރްޓީއެލް ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ގަނެވެން ހުންނާނެއެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ. އަދި ދަތުރުތައް އޮންނާނީ ކޮންމެ ދުވަހަކު ފަތިހު 5:45 އިން ފެށިގެން ރޭގަނޑު 12:15 އަށެވެ. ކޮންމެ 15 މިނިޓަކުން ބަސް ސްޓޮޕްތަކަށް މިނީ ބަސް މަޑުކުރާނެއެވެ.

މާލޭގައި ބޭނުންކުރަން ހަމަޖެހިފައިވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.