އަބޫދާބީ ގްލޯބަލް މާކެޓްސް (އޭޑީޖީއެމް)ގައި ރަޖިސްޓްރީކޮށްފައިވާ އެޓޯލް އެސްޓޭޓްސް ހޯލްޑިން އިން ރާއްޖޭގައި "ޕްރޮޖެކްޓް ޑެލްފިން" ތައާރަފުކޮށްފި އެވެ.
މި މަޝްރޫއަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށް މީޑިއާތަކުން ބުނެއެވެ.
އިތުބާރު މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރާ ޕްރޮޖެކްޓް ޑެލްފިން އެޅުމަށް ހަމަޖެހިފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދުބާއީގެ ޑެލްމާ ކުންފުންޏަށް ދޫކުރި ކ. ތޮޅިމަރާ ހުރާ ފަޅުގައެވެ. ޑެލްމާ ކުންފުނިން ވަނީ މިދިޔަ ޖުލައި މަހު އެފަޅު އެޓޯލް އެސްޓޭޓްސް ހޯލްޑިން އަށް ވިއްކާލާފައެވެ.
އެތައް މިލިއަން ޑޮލަރެއް ހަރަދުވާނެ ކަމަށް ބެލެވޭ ޕްރޮޖެކްޓް ޑެލްފިން އާއި ބެހޭގޮތުން އެޓޯލް އެސްޓޭޓް އިން ބުނީ ތޮޅިމަރާހުރާ ފަޅު ހިއްކައިގެން ތަފާތު އެކި ބޭނުންތަކަށް ރަށްތަކެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ފަޅު ހިއްކުމުގެ މަސައްކަތް ނިމުމުން ގާތްގަނޑަކަށް 50 ހެކްޓަރުގެ ގްރީން ކަވަރެއްގެ ގޮތުގައި ފުރިހަމަވެފައިވާ ގަސްގަހާގެހި އިތުރު ކުރެވޭނެ އެވެ. ބިން ހިއްކުމަށްފަހު އެ ފަޅުގައި ވަގުތުން ފުޅާ ދާއިރާއެއްގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށާނެ ކަމަށްވެސް އެޓޯލް އެސްޓޭޓް އިން ވަނީ ބުނެފައެވެ.
ތޮޅިމަރާހުރާ ފަޅުގައި ހަދާ ތިން ރަށެއްގައި ތަފާތު ތިން ރިސޯޓް ތަރައްގީ ކުރާއިރު ކޮންމެ ރިސޯޓެއްގެ ދެމެދު މަދުވެގެން 500 މީޓަރުގެ ދުރު މިން ހުންނާނެ އެވެ. ހުރިހާ ރަށްތަކެއްވެސް ހުންނާނީ އޯވާވޯޓާ ވޯކްވޭ ނުވަތަ ފާލަންތަކަކުން ގުޅާލެވިފައެވެ. ޔޮޓް މެރީނާއެއްވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ތަނަކަށް ކަރަންޓު ދޭން އަވިން އުފައްދާ ހަކަތަ ބޭނުންކުރަން ހަމަޖެހިފައިވާއިރު މިއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ އާކިޓެކްޓުންނާއި ޑިޒައިނަރުން ފަރުމާ ކުރަމުން އަންނަ މަޝްރޫއެކެވެ.
އެޓޯލް އެސްޓޭޓްސްގެ ކޯ ފައުންޑަރުން ކަމަށްވާ ޑިމިޓްރީ ބޯޓޯވް އާއި އަމިތު މަޖުމްދާރު ވިދާޅުވި ގޮތުގައި، މި މަޝްރޫއު ނިންމައި 2025 ވަނަ އަހަރު ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށަން އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ. މި ތަނުން އާއިލާތަކަށާއި ލޯބިވެރިންނަށް އަދި ރަށްޓެހިންގެ ގްރޫޕުތަކުގެ އިތުރަށް، ވިޔަފާރި ބައްދަލުވުންތަކަށް އަދި ދަތުރު ކުރާ މީހުންނަށް ވެސް ހިދުމަތް ދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
"އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ވަރުގަދަ އިމާރާތްތަކާއި، ކުނި އުކާލުމަށް ސާކިއުލާ އިގުތިސާދެއް ހެދުމާއެކު މިތަން ނެޓް ކާބަން ނިއުޓްރަލް ވެގެންދާނެ. އެއީ ގެސްޓުންގެ ހިތްހަމަޖެހުމަށް އަސަރެއް ނުކުރާނެ ގޮތަށް ތަރައްގީ ކުރާ މިތަނުން އެމީހުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ" ޑިމިޓްރީ އާއި އަމިތު ވިދާޅުވި ކަމަށް ހަބަރުތައް ބުނެއެވެ.
މި މަޝްރޫއު ތަރައްގީކޮށް ހިންގާނީ އެޓޯލް އެސްޓޭޓްސް އިން 100 ޕަސެންޓް ހިއްސާވާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޕްރައިމް އެޓޯލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.