އެމްޓީސީސީން ރަށްރަށުގައި ހަދަމުންދާ ފެރީ ޓާމިނަލްތަކުގެ ތެރެއިން ށ. ފުނަދޫގައި ހަދަން ފެށި ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ފުނަދޫގައި ހެދި ފެރީ ޓާމިނަލަކީ އާރްޓީއެލް ފެރީ މަޝްރޫއުގެ ޒޯން އެކެއްގެ ފެރީ ހިދުމަތަށް ހެދި ޓާމިނަލެކެވެ. އެ ފެރީ ޓާމިނަލްގައި ޓަކް ފިހާރައަކާއި ކޮމާޝަލް ސަރަހައްދަކާއި ޕޭރަންޓް ރޫމަކާއި ލަގެޖް ބަހައްޓާ ތަނެއްގެ އިތުރުން ޔުނިވާސަލް ފާހާނާއެއް ހުރެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.

ބާކީ އޮތް 17 އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފަށައި، މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަށް ބޭނުންވާ 65 ލޯންޗް ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ ހަފުތާގައި ވަނީ ހަވާލުކޮށްފައެވެ.