ޚަބަރު

ތިޖޫރިއެއް ވަގަށް ނެގި މީހަކު 30 ދުވަހަށް ބަންދުކޮށްފި

އަލީ ޔާމިން

ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ، ތ. ކިނބިދޫ/ ފިތުރޯނުގެ، މުހައްމަދު އިލްހާމް 24އ އެވެ.

ކްރިމިނަލް ކޯޓުން އިލްހާމުގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހާޒިރުކުރުމުންނެވެ.

އިލްހާމްގެ ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެެއްކާއި ގަރީނާ ކޯޓަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ގެއްލުން ލިބުނު ފަރާތުގެ ބަޔާނާއި ސީނަށްދިޔަ ހެކިންގެ ބަޔާނާއި ސީސީޓީވީގެ ސްނެޕްޝޮޓް ހިމެނެއެވެ.

ނަމަވެސް ތަހުގީގުގައި އިލްހާމް ވަނީ ސީސީޓީވީ ފޫޓޭޖުން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފައެވެ. އަދި އެ ފޫޓޭޖުން ފެންނަ މީހާގެ އިސްތަށިގަނޑު ދިގު ކަމަށާއި އޭނާގެ އިސްތަށިގަނޑު ކުރު ކަމަށް ބުނެފައިވެއެވެ.

އިލްހާމަކީ ބަންދު ރެކޯޑް ގިނަ މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް ހިމެނެއެވެ.