އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި ބެންޗުން އެރި ހިއުންގް މިން ސޮން ހެދި ހެޓްރިކާ އެކު ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމް މިރޭ މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ. ހާލަތު ގޯސްކޮށް އޮތް ލެސްޓާ މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އެއީ ކުޅުނު ހަތް މެޗުންވެސް މޮޅެއް ނުހޯދި، އެންމެ ޕޮއިންޓަކާ އެކުގައެވެ. ލެސްޓާގެ މުހިއްމު ކުޅުންތެރިންތަކެއް ޓްރާންސްފާ ސީޒަނުގައި ގެއްލިފައިވާ އިރު، އެޓީމުގެ ފައިސާގެ ހާލަތު ދަށްވެގެން ކުޅުންތެރިން ގެންދަން ފުރުސަތު ދީފައެއް ނުވެއެވެ.
މިރޭގެ މެޗުން މޮޅުވެ ޓޮޓެންހަމް ތާވަލުގެ ދެވަނައަށް ޖެހިލީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޓޮޓެންހަމް ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައި އޮތް އިރު، ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އާސެނަލްއިން ހަ މެޗު ކުޅެ 15 ޕޮއިންޓް ހޯދާފައިވާ އިރު، މި ހަފުތާގެ މެޗުގައި މާދަމާ ރޭ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
މިރޭގެ މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔޫރީ ތީލަމަންސްގެ ޕެނަލްޓީން ލެސްޓާ ލީޑު ނެގި ނަމަވެސް އޭގެ ދެ މިނެޓް ފަހުން ހެރީ ކޭން ވަނީ ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށް އޮއްވައި، މެޗުގެ 21 ވަނަ މިނެޓުގައި އެރިކް ޑަޔާ ވަނީ ޓޮޓެންހަމްއަށް ލީޑުވެސް ނަގައިދީފައެވެ.
ޓޮޓެންހަމްއިން ލީޑުގައި ހާފު ނިންމާލަން ދިޔަ ނަމަވެސް ޖޭމްސް މެޑިސަން ވަނީ އަނެއްކާވެސް ލެސްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގެ ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއް ތެރޭގައި އަނެއްކާވެސް ޓޮޓެންހަމްއިން ލީޑު ނެގިއެވެ. އެ ގޯލަކީ ރޮޑްރީގޯ ބެންޓަންކޫރް ޓޮޓެންހަމް ޖާޒީގައި ޖެހި ފުރަތަމަ ގޯލެވެ. ދެން ފެނުނީ ދެކުނު ކޮރެއާގެ ތަރި ސޮންގެ ތަފާތެވެ. ރިޗާލްސަންގެ ބަދަލުގައި ސޮން ކުޅުމަށް ނުކުތީ 59 ވަނަ މިނެޓުގައެވެ.
މިދިޔަ ސީޒަނުގައި މުހައްމަދު ސަލާހާ އެއްވަރަށް ގޯލު ޖަހައި ރަން ބޫޓް ހޯދި ސޮން މިރޭގެ މެޗަށް ނުކުތީ މިހާތަނަށް ސީޒަނުގައި ގޯލެއް ނުޖެހި ހުރެއެވެ. އޭނާގެ ފޯމު ދަށްވެ ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ އިރު، މިރޭގެ މެޗުގެ ކުރިންވެސް އެންޓޯނިއޯ ކޮންޓޭ ބުނެފައި ވަނީ ސޮންގެ ފެންވަރު ފެންނާނެ ކަމަށެވެ.
ކޮންޓޭ ދިން އުންމީދާ އެއްގޮތަށް މިރޭ ސޮން ތަފާތުވެސް ދެއްކިއެވެ. އޭނާ ދެވަނަ ހާފުގައި ހެޓްރިކް ފުރިހަމަ ކުރީ އެންމެ 13 މިނެޓް ތެރޭގައެވެ. ސޮންގެ ފަރާތުން ފެނިގެން ދިޔައީ ހިތްގައިމު ގޯލުތަކެކެވެ. އޭރިއާ ބޭރުން ސޮންގެ ފުރަތަމަ ދެ ގޯލު ޖެހީ ލެސްޓާ ގޯލްކީޕަރު ވާޑްގެ ބޯމަތިން ބޯޅަ ހިތްގައިމުކޮށް ގޯލުގެ ކަނަށް ވައްދާލައިގެންނެވެ. ދެން ޖެހި ގޯލަކީ ވަން އޮން ވަން ހާލަތެއްގައި އޭނާ ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު