ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޔޫރަޕިއަން އޭވިއޭޝަން ސްކޫލް އޮފް ބާސެލޯނާ (އީއޭއެސް ބާސެލޯނާ)ގެ ޓީމުން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ސެޝަންތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ނަން ނޯޓުކޮށްފިއެވެ.

އީއޭއެސް ބާސެލޯނާގެ ޓީމު ރާއްޖެ އަންނާނީ މާދަމާގެ ވަގުތެއްގައެވެ.

އީއޭއެސްގެ އޮފިޝަލް އިސްމާއީލް އިމްތިޔާޒު މިއަދު "ވަން" އަށް ވިދާޅުވީ، އެ ޓީމު ރާއްޖެ އަންނަނީ އީއޭއެސްގައި ކިޔެވުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކަމަށެވެ. އެގޮތުން އެ ސްކޫލުގެ ޕައިލެޓް ކޯހާ ބެހޭ ޕްރެޒެންޓޭޝަނެއް މާލެ އާއި އައްޑޫ ސިޓީގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މާލޭގައި ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:00 ގައި ހޮޓެލް ޖެންގައެވެ. އަދި އައްޑޫ ސިޓީގައި ބާއްވާ ސެޝަން ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އައްޑޫ އީކުއޭޓާ ވިލެޖުގައެވެ.

"މާލޭގައި ބާއްވާ ސެޝަންއަށް މިހާރުވެސް 100 ވުރެ ގިނަ ފަރާތުން ނަން ނޯޓުކޮށްފައިވަނީ. އައްޑޫ ސެޝަންގައި ބައިވެރިވުމަށް މިހާރުވެސް އެބައުޅޭ 170 ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައި،" އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި ސެޝަންތަކަށް ފަހު އީއޭއެސް ބާސެލޯނާގެ ޓީމުގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ސެޝަންގެ ބައިވެރިންނަށް ލިބޭނެއެވެ.

މި ސެޝަންތަކުގައި އެ ސްކޫލުން ކުރިއަށްގެންދާ ޕައިލެޓް ޓްރެއިނިން ކޯހާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެއެވެ. އަދި ސެޝަންތަކުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް 7786737 ނަމްބަރާ ގުޅައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން ނަންނޯޓް ކުރެވޭނެއެވެ.

މާލޭގެ ސެޝަންގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 17:30 އެވެ. އައްޑޫ ސެޝަންއަށް ނަން ނޯޓުކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އަށް އޮންނާނެއެވެ.

އީއޭއެސް ބާސެލޯނާއިން މިދިޔަ ޖޫން މަހުގައިވެސް ހޮޓެލް ޖެންގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ބާއްވައިފައެވެ.

އީއޭއެސް ބާސެލޯނާ ސްކޫލަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ އެޕްރޫވަލް ސެޓްފިކެޓް ދިން ހަމައެކަނި ޔޫރަޕުގެ އެވިއޭޝަން ސްކޫލެވެ. އެއާއެކު އެ ސްކޫލް ވެފައި ވަނީ ޕައިލެޓުން ތަމްރީނުކޮށް ރާއްޖޭގެ ޕައިލެޓް ލައިސެންސް (އޭޓީއޯ) ދިނުމުގެ ސީއޭއޭގެ ހުއްދަ ލިބުނު ފުރަތަމަ ސްކޫލަށެވެ. އަދި ޔޫރަޕްގެ ޕައިލެޓް ލައިސަންސް (އީއޭއެސްއޭ) އާއި ރާއްޖޭގެ ޕައިލެޓް ލައިސަންސް ދޭ ހަމައެކަނި ފްލައިން ސްކޫލަކީވެސް އީއޭއެސް ބާސެލޯނާއެވެ.

އައްޑޫ ފްލައިން ސްކޫލުން ކިޔަވައި ކޯސް ފުރިހަމަ ނުކުރެވުނު ބައެއް ދަރިވަރުން މިހާރުވެސް އަންނަނީ އީއޭއެސް ބާސެލޯނާއިން ކޯސް ފުރިހަމަ ކުރަމުންނެވެ. އަދި އޭގެތެރެއިން ދެ ދަރިވަރަކު ކިޔެވުން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އައިސް މިހާރު އުދުހެންވެސް ވަނީ ފަށައިފައެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި އީއޭއެސްގެ ޓީމުން އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ހާއްސަ އިސްކަމެއްދޭނެއެވެ. އެގޮތުން އީއޭއެސް ބާސެލޯނާއިން އެ ދަރިވަރުން ކިޔަވަން ފަށަށް ޖެހޭނީ ކުރިން ކިޔަވާފައި ހުރި ހިސާބުން ކަމަށާއި އޭގެ ސަބަބުން އެ ދަރިވަރުންގެ ކިޔެވުން އަވަހަށް ފުރިހަމަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.