ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުޑަކުދިން ކުށްތަކުން ދުރުކުރުމަށް އުފައްދަންޖެހޭ "ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު" ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ވޭމަނޑޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ސެންޓަރު ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ.

ސެންޓަރު ހުޅުއްވައި ދެއްވުމަށްފަހު، ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، އެސެންޓަރު ހުޅުވިގެންދިއުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

އެކި ގޮތްގޮތުން ހަވާސާވަމުންދާ ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ އެ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށާއި ކުށް ކުރުން ހުއްޓުވުމުގެ މަސައްކަތް ފެށެން ޖެހޭނީ ކުށްކުރުމުގެ މާކުރިން ކަމަށެވެ. އަދި ކުށަށް މީހަކު އަރައިގަންނަން ހުރި ސަބަބުތައް ބަންދު ކުރަން ޖެހެނީ އެސަބަބުތަކަށްޓަކައި ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުމާއެކު މިމައްސަލައިގެ ހަގީގީ މަސައްކަތް ފެށިގެންދާ ހިސާބަށް އާދެވުނީ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ނިޒާމެއް ނެތިގެން، އޮނިގަނޑެއް ނެތިގެން، މަސައްކަތް ނުކުރެވި އޮތް ޒަމާން ނިމުމަކަށް ގެނެވުނީ ކަމަށްވެސް ވިދާޅުވިއެވެ.

ރެޒިޑެންޝަލް މަރުކަޒަކީ އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކއި ގާއިމްކުރަން ގާނޫނުން ލާޒިމްކުރާ މަރުކަޒެކެވެ.