ޚަބަރު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނަޝީދު ތާއީދު

މުހައްމަދު އިޝާން

ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "ސުވާލާއި ޖަވާބު" ނަމުގައި މަރަދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގެ ބައިވެރިޔަކު ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް ވަކާލާތުކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރެގެން އެގޮތަށް ވަކާލާތު ނުކުރެއްވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުރިއަށްއޮތް ދެ އަހަރު ބޭރުގެ ދަރަނީގެ ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހޭ އިރު، ޓެކްސް ބޮޑުކުރުމަށް ތާއިދުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކައިރީ އެދުނީ ޖީއެސްޓީ ކުޑަކުރުމަށް ވަކާލާތުކޮށްދިނުމަށް، އަޅުގަނޑަކަށް ނެތް ވަކާލާތު ކޮށްދެވޭކަށް. އަޅުގަނޑަކީ މަޖިލިސްގެ ރައީސްވީމަ. އަޅުގަނޑަކަށް ހުއްދައެއް ނޯވޭ ބަހުސްގައި ބައިވެރިވާކަށް. ދެން އެހެން ހުރެފައި ދޭތެރެ ދޭތެރެއިން އެއްޗެއް ބުނެފައި އެބަހުރި. އެހެންނަމަވެސް ބަހުސްގައި ބައިވެރިވުމަށް ހުއްދައެއް ނޯވޭ. އަޅުގަނޑަށް ވެސް ފެންނަ ގޮތުގައި ޖީއެސްޓީ ބޮޑުކުރަން އެބަޖެހޭ. މި އަންނަ އަހަރާއި އޭގެ އަނެއް އަހަރަށް ބަލާއިރު ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ހޭދަ ބޮޑު،" ނަޝީދު ވިދާޅުވިއެވެ.

ދަރަނި ބޮޑުވުމަށްވުރެ ނުރައްކާވެގެންދާނީ ދަރަނި އަނބުރާ ދައްކަންވާއިރަށް ފައިސާ ނެތުން ކަމަށާއި އެގޮތަށް ވެއްޖެއްޔޭ ރާއްޖެ ބަނގުރޫޓުވެ ބޭރުގެ ގައުމުތަކާއެކު ވިޔަފާރިކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ދެ އަހަރު ދައުލަތުގެ އާމްދަނީ އިތުރުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ބޮޑުކުރުމަށް ނެގެން އޮތީ، ކޮންތާކުން ކިހިނެއްތޯ ޓެކްސް ނަގަންވީ. ކޮންމެވެސް ޓެކްސްއަކުން ބޮޑުކުރެވެން އޮތީ. ދެ ކަމެއް ކުރެވޭނެ، އެއްކަމަކީ ކޮންމެވެސް ކަހަލަ އެއްޗެއް ދިގު މުއްދަތަކަށް ވިއްކާލުން ނުވަތަ އަޅުގަނޑުމެން ރައްޔިތުން އަތުން ޓެކްސްއެއް ނެގުން،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ޓެކްސް ބޮޑުކުރުމަށްފަހު ޕާޓްނާޝިޕުގެ އުސޫލުން ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދިދާނެ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރު ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ކޮންމެވެސް ގޮތަކުން ހޯދަން ޖެހޭ ކަމަށާއި އެހެންނޫނީ ދެން ކުރިމަތިލާން ޖެހޭ ނުރައްކަލާއި ގެއްލުން ބޮޑުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ ޖުލައި މަހުގެ ކުރީ ކޮޅުގައެވެ. އަދި ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށްވެސް ޖުލައި މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.