ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ވެފައިވާ ވައުދުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފުއްދިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޕްރޮޖެކްޓް ސިންޑިކޭޓް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބޭއްވި "ސަސްޓެއިނަބިލިޓީ ފޯ ސޭކްން" އިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރޭ މަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އައްޑޫއަށް ވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ވައުދުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފުއްދިފައި ނުވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ވައުދުތައް އައްޑޫ ސިޓީގެ ރައްޔިތުންނަށް ފުއްދައިދެއްވާފައިވާ މިންވަރާ ގުޅޭގޮތުން އަޅުގަނޑުވެސް ހިތްހަމަނުޖެހޭ. އެހެންނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރަން މި ދޭތެރެއިން ކޮވިޑުގެ އަހަރެއް ވެސް ވަދެއްޖެ. އެހެންވީމާ ދިމާވި ކަންކަމާއި ދަތިތަކާ އަޅުގަނޑުމެން ނަޒަރު ހިންގައިގެން މިކަން ކުރަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބިމުގެ ގޮތުން ބޮޑު ރަށްރަށާއި ބިމުގެ ގޮތުން ކުޑަ ރަށްރަށުގައި ހަމަހަމަކޮށް ތަރައްގީގެ މަޝްރޫއު ހިންގުން އެހާ ރަނގަޅު ނުވާނެ ކަމަށާއި އާބަދީއަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ތަފާތު ކުރުން ނޫން ކަމަށެވެ.

ތަރައްގީ ގެންނަންވާނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށާއި އެގޮތުން އައްޑޫ ސިޓީއަކީ އަބާދީ ބޮޑު ސިޓީއެއް ކަމަށެވެ. އަދި އައްޑޫ ތަރައްގީ ކުރުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ދަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި ގާމެންޓް ފެކްޓަރީ އެޅުމަށް ބީލަމަށް ހުޅުވާފައިވާ އިރު، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އައްޑޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތާއި އެމްޓީސީސީން އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި އެ ކުންފުނިން މަސައްކަތް ފުރިހަމަކޮށްފައިވާ މަޝްރޫއުތައް ހިމެނެއެވެ.