އަހަރެމެންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް, މުޖުރިމަކަށް ހަދައިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ދެބަސްވުމުގެ އަދަބުތައް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, الله ގެ ހިކުމަތްފުޅާ އެއްގޮތަށް އެކަލާނގެ ހަލްގުކުރެއްވި އެންމެހައި މަހުލޫގުން އުފައްދަވާފައި ވަނީ ވިސްނުމާއި ފިކުރާއި ހިޔާލާއި އުންމީދުތަކާއި ބޭނުންތަކުގައި ތަފާތުކޮށް ކަަމަށެވެ. އަދި ދިރިއުޅުމުގެ ފެންވަރާއި ޖިސްމާނީ ބާރުވެރިކަމާއި ވިސްނުމުގެ ފެންވަރުގައިވެސް އެބައިމީހުން ތަފާތު ކަމަށާއި އެކަންކަން ތަފާތުކޮށް މާތް الله ލައްވާފައި ވަނީ އެކަލާނގެ ނިޔާކުރައްވާފައިވާ ހިކުމަތެއްގެ ދަށުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ މާތް الله އެކަލާނގެ ހަލްގުކުރެއްވި އެއްޗެހި ތަފާތު ޖިންސުތަކަށް, ތަފާތު ގިންތިތަކަށް ތަފާތު ސިފަސިފައިގައި ހެއްދެވީ އަހަރެމެން އެއިން ފައިދާ ލިބިގަތުމަށްޓަކާ ކަމަށެވެ. އަދި އެއީ އެއިން މޮޅު ވިސްނުންތަކާއި ހަރުދަނާ ހިޔާލުތައް ހޯދައި, އޭގެ ބޭނުންކޮށްގެން އަހަރެމެންގެ އުފެއްދުންތައް ގިނަކޮށް ކާމިޔާބީތައް އިތުރުކޮށް ރުޅިވެރިކަމާއި އަދާވާތްތެރިކަމާއި ގުޅުން ކެނޑުމާ ދުރުހެލިވުމަށްޓަކާ ކަމަށްވެސް ބުންޏެވެ.

ހިޔާލު ތަފާތުވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށާއި އެކަކު އަނެކަކުގެ އިއްޒަތާއި ކަރާމަތަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި އަހަރެމެން މުސްލިމުން ޖަދަލު ކުރަންވާނީ މާތް الله ގެ ވަޖްހުފުޅަށްޓަކައި ހައްގަށް ވާސިލުވުމަށް ކަމަށާއި ރައުޔު ތަފާތުވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަނުދީ, ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, އަހަރެމެންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް, މުޖުރިމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ދީނީ މައްސަލަތަކުން މައްސަލައެއްގައި ބަހުސްކުރާ ނަމަ އެ މައްސަލައަކާ ބެހޭ ގޮތުން އިލްމުވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ހުތުރު ބަސްތަކާ އެކަހެރިވާ ބަޔަކަށް ވުމަށް އިސްލާމް ދީން އިރުޝާދު ދީ, މަގު ދެއްކިޔަސް އަހަރެމެންގެ ތެރޭގައި ޝައިތާނީ ވަސްވާހުގައި ޖެހި ބޭކާރު އަނގަތެޅުމަށް ލޯބިކުރާ ބަޔަކުވާ ކަމަށާއި އެމީހުން އެ މީހުންނާ ނުބެހޭ ކަންތަކާ ބެހި, ދީނުގެ މައްސަލަތަކުގެ ތެރެއަށް ވަދެ, މީސްތަކުން މަގުފުރައްދާ ކަމަށެވެ.