ދުނިޔެ

ރާނީ އަވަހާރަވާނޭ ދުވަސް ކުރިއަށް ލަފާކުރި މީހާ ވަނީ ޗާލްސް އަވަހާރަވާނޭ ދުވަސްވެސް ހާމަކޮށްފައި!

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ މިމަހު 8 ވަނަ ދުވަހު ސްކޮޓްލެންޑްގެ ބެލްމޯރަލް ކިއްލާގައެވެ. އުމުރުފުޅުން 96 އަހަރުގެ ރާނީ އެދުވަހު އަވަހާރަވުމަކީ މުޅި ދުނިޔެއަށް ލިބުނު ޝޮކަކަށް ވިޔަސް އެދުވަހު އެކަން ހިނގާނޭ ކަމަށް މާކުރިން މީހަކު ވަނީ ލަފާކޮށް ޓުވީޓްވެސް ކޮށްފައެވެ. ލޮގާން ސުމިތުގެ ނަމުގައި އެމީހަކު ޓުވީޓްކޮށްފައިވަނީ ސެޕްޓެމްބަރު 8، 2022 ގައި ރާނީ އެލިޒަބަތު އަވަހާރަވާނޭ ކަމުގައެވެ.

ލޮގާން ސުމިތަކީ ކާކުކަމެއް، އަދި އޭނާއަކީ ކީއްކުރާ މީހެއްކަމެއްވެސް ސާފެއް ނޫނެވެ. ރާނީ އަވަހާރަވާނެ ދުވަސް ލަފާކޮށް އޭނާ ޓުވީޓްކުރީ މިއަހަރުގެ ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ. ރާނީ އަވަހާރަވުމުގެ ތިންމަސް ކުރިންނެވެ. އެހެންވީމާ މި ޓުވީޓް މިހާރުވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. ދުނިޔޭގެ ނޫސްތަކުން ޖާގަ ހޯދައިފައެވެ. އެއަށްވުރެ ބޮޑަށް މިހާރު ޝައުގުވެރިކަން އޮތީ އައު ރަސްގެފާނު ޗާލްސް ތިންވަނަޔާ މެދުގައެވެ. ލޮގާން ސުމިތު ވަނީ ޗާލްސް އަވަހާރަވާނޭ ދުވަސްވެސް ލަފާކޮށް ބުނެދީފައެވެ.

ލޮގާން ސުމިތު ލަފާކޮށްފައިވާ ގޮތުން ޗާލްސް އަވަހާރަވާނީ 2026 ވަނަ އަހަރުގެ މާރޗް މަހު 28 ވަނަ ދުވަހުއެވެ. އެހެންވީމާ ޗާލްސްއަށް ތަޚުތުގައި ރެދަލިކުރެެއްވޭނޭ ކަމަށް މިވަނީ އެންމެ ހަތަރު އަހަރުއެވެ. އުމުރުފުޅުން 77 އަހަރުގައި އޭނާ އަވަހާރަވާނެއެވެ. މި ޓުވީޓް ވައިރަލްވުމާ ގުޅިގެން ލޮގާން ސުމިތުގެ އެކައުންޓް ވަނީ ޕަބްލިކުން ޕްރައިވެޓަށް ބަދަލުވެފައެވެ. ކުރީއްސުރެ އޭނާ ފޮލޯ ނުކުރާ މީހުންނަށް ލޮގާން ސުމިތުގެ ޓުވީޓްތަކެއް މިހާރު ނުފެނެއެވެ.

އެންމެންވެސް މިހާރު ދެނެގަންނަން ބޭނުންވަނީ ޗާލްސްއާމެދު ކުރެވިފައިވާ ލަފާ އެގޮތަށް ހަގީގަތަކަށް ވެދާނެތޯއެވެ. އެކަން އެނގޭނީ އަދި ހަތަރު އަހަރު ފަހުންނެވެ. މިހާރު އެނގޭ އެއްޗަކީ ރާނީ އެލިޒަބަތާމެދު އެމީހާ ލަފާކުރި މަގުން ކަންކަން ހިނގާފައިވާކަމެވެ. ރަސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ޗާލްސް ވިދާޅުވެފައިވަނީ އަވަހާރަވަންދެން ތަޚުތު ދޫނުކުރައްވާނޭ ކަމަށާއި އެހިސާބަށް ޕްރިންސް ވިލިއަމްގެ އިންތިޒާރު ދެމިގެންދާނޭ ކަމުގައެވެ.