"ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާހެއް ގެނެސްފިއެވެ.

މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެކުލަވާލި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށެވެ.

އެ މާއްދާއަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން, "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށް ކަމަށާއި ނަމަވެސް އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައިވާ ނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައި ކަމަށެވެ.

ބިންވެރިޔާ ސްކީމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ ސްކީމެކެވެ.

އެ ސްކީމުގެ އިތުރުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި "ގެދޮރުވެރިޔާ ސްކީމް"ގެ ނަމުގައި ވެސް ސަރުކާރުން ސްކީމެއް ކުރިއަށްގެންދެއެވެ. އެ ދެ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 22 އިން ފެށިގެން މިމަހުގެ 26ގެ ނިޔަލަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓް.
  • ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ.
  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓް.

"ގެދޮރުވެރިޔާ ސްކީމް" އިން ފުލެޓަށް އެދުމުގެ ފުރުސަތު މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ މީހުންނަށް ލިބެއެވެ. އެ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.