ޚަބަރު

އާރުޓީއެލް ފެރީގެ ހިދުމަތަށް އިތުރު 65 ލޯންޗު ބަނުމުގެ މަސައްކަތް އަލް ޝާލީއަށް

އެމްޓީސީސީން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެއުމަށް ފަށާފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި 65 ފެރީ ލޯންޗް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އިތުރު ލޯންޗުތައް ބަންނަން އެމްޓީސީސީން އަލް ޝާލީއާ މިއަދު ހަވާލުކޮށްފައިވަނީ މީރުމާ އިވެންޓްސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި 65 ސްޕީޑް ފެރީ ބަނުމަށް އަލް ޝާލީ މެރިންއާ ހަވާލުކުރީ 537 މިލިއަން ރުފިޔާއަށެވެ. އަލް ޝާލީއާ އެމްޓީސީސީން ބަންނަން މިއަދު ހަވާލުކޮށްފައިވަނީ 50 މީހުންގެ ޖާގައިގެ ލޯންޗުތަކެކެވެ. އެ ފެރީތަކުގައި އެއާ ކޮންޑިޝަންގެ ހިދުމަތް ލިބޭ އިރު، އެމްޓީސީސީން ޔަގީންކަން ދޭން ބޭނުންވަނީ އެ ފެރީތަކަކީ ހިތްފަސޭހަ ކަމާއެކު ދަތުރު ކޮށްލެވޭނެ ފެރީތަކަކަށް ހެދުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ފެރީގެ ނިޒާމަކީ ޖީބަށް ލުއި، ތާވަލު ކުރެވިގެން ކުރިއަށް ގެންދެވޭ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ކަމަށާއި، އަލަށް ބަންނަ ފެރީތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އެކްސެސް ވެވޭނެ ފާހާނާއާއި ރޭމްޕެއްގެ އިތުރުން ފުރޮޅުލީ ގޮނޑި ބަހައްޓާނެ ހާއްސަ ޖާގައެއްވެސް ހެދިފައި ހުންނާނެ ކަމަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ކުރިއަށް ގެންދަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައެވެ. އެއީ ފޭސް އެކެއްގެ އަތޮޅުތަކެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން، ބާކީ 17 އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފަށައި، މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީގެ ފެރީގެ ހިދުމަތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެ ވިއުގައަކީ ފަސޭހަ އަދި އަގުހެޔޮ ވިޔުގައެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ދަތުރުފަތުރުތަކަށް އެމްޓީސީސީން ގެނެސްދީފައިވަނީ އިންގިލާބީ ބަދަލެކެވެ. އެމްޓީސީސީން މިއަދު ލޯންޗުތައް ބަނުމަށް ހަވާލުކުރި އަލް ޝާލީ މެރިންއަކީ އޮޑިދޯނި ފަހަރު ބަނުމުގައި ތަޖުރިބާ ބޮޑު ކުންފުންޏެކެވެ. އަދި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.