ޚަބަރު

ޕްލެޓްފޯމް ފަރަށް އެރި މައްސަލާގައި އިންޑިއާގެ ކުންފުންޏަކަށް ވީތީ ފިޔަވަޅު އެޅުމުގައި ތަފާތު ނުކުރާނަން: ސަރުކާރު

އަލީ ޔާމިން

ފިޔަވަޅު އެޅުމުގައި ވަކި ގައުމެއްގެ ވަކި ކުންފުންޏަކަށް ވީތީ ތަފާތުކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއުވާން އެހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން، ބްރިޖުގެ މަސައްކަތަށް ބޭނުންކުރި ފްލެޓްފޯމެއް ވިލިމާލޭ އިރު ދެކުނު ފަރާތު ފަރަށް އަރައި އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސަރުކާރަށް ކެރޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޕްލެޓްފޯމްގެ ކަންކަން ބަލާނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށާއި ފިޔަވަޅުވެސް އަޅާނީ އެ އެޖެންސީން ކަމަށެވެ. އެކަމަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"..،ވަކި ގައުމަކަށް ވީތީ ވަކި ކުންފުންޏަކަށް ވީތީ އެގޮތަކަށް ނޫން ގާނޫނު ހިނގާނީ. އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ. އެންވަޔަރަމަންޓް މިނިސްޓަރު، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނީ. ދެން ވަކި ފިޔަވަޅެއް އެޅުމަކަށް އަދި ވަކި ފިޔަވަޅެއް ނޭޅުމަކަށް ސަރުކާރަކުން އެ ބޭފުޅުންނަށް އިރުޝާދެއް ނުދޭނެ،" މިއުވާން ވިދާޅުވިއެވެ.

ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރުމުން އެ ފަރަށް ލިބުނު ގެއްލުން ބެލުމަށް ފެށި ދިރާސާ ނިމިފައިވާ އިރު، އީޕީއޭ އިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕްލެޓްފޯމްގެ ފައިތައް ތާށިވި ތަންތަނުގައި ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފައެވެ.

ތިލަމާލެ ބްރިޖް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިއާއިން ދީފައިވާ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައެވެ.