އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސްވެފައިވާ ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލަ ނާޒިމް ސައްތާރުގެ މައްޗަށް ސާބިތުވީ މިމަހު 11 ވަނަ ދުވަހު އޮތް، އެ މައްސަލައިގެ އިބްތިދާއި އަޑުއެހުމުގައި އޭނާ އެކަމަށް އިއުތިރާފު ވުމުންނެވެ.
އެ މައްސަލައިގައި އަޑުއެހުމެއް މިއަދު ހަވީރު 4:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް ނާޒިމް ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ، އޭނާ ކުށަށް އިއުތިރާފުވެފައި ވަނީ އެކަމުގައި އޭނާއަކީ ކުށްވެރިއަކަށް ވުމުގެ އިތުރުން އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅުނު މައްސަލައިގައި ވިކްޓިމްއަކަށް ވެފައިވާތީ ކަމަށެވެ.
"(އަޅުގަނޑު މި ކުށަށް މި އިއުތިރާފު މިވަނީ އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިއުތިރާފްވެ، މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީވެއެވެ. އަޅުގަނޑު އެދެނީ މި ކުށަށް އިއުތިރާވެ، ތައުބާވެ، ރައްޔިތުންގެ އަރިހުން މާފެވެ،" ނާޒިމްގެ ބަޔާނުގައިވެއެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލަށްލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު