ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ބްރޫޝިއާ ޑޯޓުމަންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ސިޓީއަށް އެ މޮޅު ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މި ސީޒަނަށް އެޓީމަށް ގެންދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ.
ހާލަންޑްގެ ފޯމު ފެންނަނީ އާދަޔާ ހިލާފަށެވެ. މިހާތަނަށް ސީޒަނުގައި ސިޓީއަށް އޭނާ 13 ގޯލެއް ޖަހައިދީފައިވެއެވެ. އެއީ ހަތް މެޗެއްގައެވެ. އުމުރުން 22 އަހަރުގެ ހާލަންޑް މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 21 މެޗުގައިވެސް 26 ގޯލު ޖަހައިފައިވެއެވެ. އެއީ ޖާދުވީ އަދަދުތަކެކެވެ. ހާލަންޑްގެ ފެންވަރު އަދަދުތަކުންވެސް ސާފެވެ.
ރޭގެ މެޗުގައި ހާލަންޑް ޖެހީވެސް އާދަޔާ ހިލާފު ހިތްގައިމު ގޯލެކެވެ. ޖާއޯ ކާންސެލޯ ފައިގެ ބޭރު ފަރާތުން އަރިމަތިން ހުރަސްކޮށްލި ބޯޅަ ހާލަންޑް ގޯލަށް ވައްދާލީ ވައި ތެރޭގައި ބޯޅަ އޮއްވައި، ފުންމައިގެން އަރައި ބޫޓު އަރިމަތިން ބޯޅައިގައި ޖައްސައިގެންނެވެ. އެ ގޯލާއެކު ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާއަށް ހަނދާން އާވެގެން ދިޔައީ އޭނާއާއެކު ކުރިން ބާސެލޯނާއަށް ކުޅުނު، ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ޔޯހަން ކްރައިފް ޖެހި ގޯލެއްގެ މަތިންނެވެ.
މީގެ އަހަރުތަކެއް ކުރިން 1973 ވަނަ އަހަރު ކްރައިފް ޖެހި އެ ގޯލަކީ ހަމަ އެގޮތަށް ފުންމައިގެން އަރައި ބޯޅައިގައި ހިތްގައިމު ގޮތަކަށް ފައިޖައްސައިގެން ކްރައިފް ޖެހި ގޯލެކެވެ. އަރިމަތިން އެންގަލް ހަނިވެފައި ވަނިކޮށް އެތުލެޓިކޯ މެޑްރިޑްގެ ގޯލަށް ކްރައިފް ބޯޅަ ވައްދައިލަނީ ހަނި އޭންގަލަކުންނެވެ. އެ ގޯލަށް "ފެންޓޮމް" ގޯލުގެ ނަމުން ނަންވެސް ދެވުނު އިރު، އެއީ ކްރައިފްގެ ކެރިއަރުގެވެސް އެންމެ ރީތި އެއް ގޯލެވެ.
"ވަރަށް ހިތްގައިމު ގޯލެއް. އަހަރެން ހަނދާންވީ އަހަރުތަކެއް ކުރިން ބާސާއަށް ޔޯހަން ކްރައިފް ޖަހައިދިން ގޯލު. އެތުލެޓިކޯ ކޮޅަށް ޖެހި އެ ގޯލަކީ ވަރަށް ހިތްގައިމު ގޯލެއް. ސީދާ ކްރައިފް ޖެހި ގޯލާ ހުރިހާ ކަމެއް އެއްގޮތަށް ގޯލެއް ހާލަންޑް ޖެހުމުން ހިތްހަމަ ޖެހޭ،" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާއަކީ ކްރައިފްއާއެކު ބާސާއަށް ކުޅެ، އޭނާގެ އިރުޝާދުގެ ދަށުން ކޯޗިންގައިވެސް ހަރަކާތްތެރިވި ކޯޗެކެވެ. ގާޑިއޯލާގެ ފިލޯސަފީއަކީވެސް ބާސާގެ ކްރައިފް ފިލޯސަފީއެވެ. ޒަމާނީ ފުޓުބޯޅައަށް ކްރައިފް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ އިރު، ގާޑިއޯލާއަކީ އޭނާގެ ޓެކްޓިކްސްގެ މާސްޓާ މައިންޑް ކޯޗެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު