ޓެކާސް މޯލްޑިވްސްގެ ޓެކާސް ރިސޯޓް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން" އޮންލައިން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
"ވަން" އޮންލައިންގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ހަފުލާއެއްގައި ޓެކާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓެކާސް ރިސޯޓް ކަޕް އިންތިޒާމުކުރާ ޓެކާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޝްމީ ރަޝީދެވެ. "ވަން" ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް)އެވެ.
މި އެއްބަސްވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓުތަކުގައި ކުރިއަށް ގެންދާ ޓެކާސް ރިސޯޓް ކަޕްގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ. ޓެކާސް ރިސޯޓް ކަޕް މިމަހުގެ 25 ވަނަ ދުވަހު ފަށާނީ ކްރޮސް ރޯޑްސްގައެވެ. ކްރޮސް ރޯޑަކީ މުބާރާތުގެ ސައުތް ކާފް އަތޮޅުގެ ހޯސްޓް ރިސޯޓެވެ.
ސައުތް ކާފް އަތޮޅުގައި 12 ޓީމަކުން ވާދަކުރާނެއެވެ. އެ އަތޮޅުގެ މެޗުތައް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
- ގްރޫޕް އެކެއް: ވެލެއްސަރު މޯލްޑިވްސް، ކްރޮސްރޯޑްސް މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް
- ގްރޫޕް ދޭއް: އޮޒެން ރެސާވް ބޮލިފުށި، ވޮލްޑޯފް އެސްޓޯރިއާ، ފިހާޅޮހި
- ގްރޫޕް ތިނެއް: އެމްބޫޑޫ ވިލޭޖް، އަދާރަން ޕްރެސްޓީޖް ވާދޫ، އަނަންތަރަ މޯލްޑިވްސް
- ގްރޫޕް ހަތަރެއް: ތާޖު އެކްސޮޓިކް، ސާއީ ލެގޫން މޯލްޑިވްސް، އޮޒެން ލައިފް މާދޫ
ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ދެން އޮންނާނީ ސެމީ ފައިނަލްގެ ދެ މެޗެވެ. އެ ދެ މެޗަށްފަހު ފައިނަލް އޮންނާނީ އޮކްޓޯބަރު ފަސްވަނަ ދުވަހު ކްރޮސްރޯޑްސްގައެވެ.
ސައުތް ކާފް އަތޮޅުގެ އިތުރުން ދެން މުބާރާތް ކުރިއަށް ދާނީ އދ. އަތޮޅާއި އއ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅުގެ އިތުރުން ނ. އަތޮޅާއި ނޯތް ކާފު އަތޮޅުގެ ޓީމުތަކުގެ މެދުގައެވެ. އޭގެ ތެރެއިން ރަޖިސްޓްރޭޝަން ބަންދު ނުވެ އޮތީ އދ. އަތޮޅުގެ ޓީމުތަކަށް އެކަންޏެވެ. އެހެން ހުރިހާ އަތޮޅުތަކެއްގެ ޓީމުތައް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. މިހާތަނަށް މުބާރާތުގައި ހަތް ޒޯނަކުން 45 ރިސޯޓް ބައިވެރިވެފައިވެއެވެ.
ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ފައިނަލްވެސް ކުޅޭނީ ކްރޮސްރޯޑްސްގައެވެ. މުބާރާތުގެ ސައުތް ކާފު އަތޮޅުގެ މެޗުތަކަށް ފަހު ދެން އޮންނާނީ ނޯތް ކާފު އަތޮޅުގެ މެޗުތަކެވެ. އެ މެޗުތައް ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އެއަށްފަހު އެހެން ހުރިހާ އަތޮޅެއްގެ މުބާރާތައްވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓް ކުންފުނި، ޓެކާސް އިން ފުޓްސަލްއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ފުޓްސަލްގެ ތިން މުބާރާތެއް "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް"ގެ ނަމުގައި އިއުލާން ކުރީ 2021 ވަނަ އަހަރުއެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް މުބާރާތްތަކަށް ފަސްވުމެއް އައި ނަމަވެސް، ޓެކާސްއިން ވަނީ ކާމިޔާބުކަމާއެކު "ގްރޭޓާ މާލެ ކަޕް" އާއި "ޓެކާސް މޯލްޑިވްސް ކަޕް" ބާއްވައިފައެވެ.
ޓެކާސް މުބާރާރްތަކުގެ މެއިން ސްޕޮންސަރަކީ މައިލޯ މޯލްޑިވްސްއެވެ. ގޯލްޑް ޕާޓްނަރުންނަކީ އެމްޓީސީސީ، ވެލިގާ ހާޑްވެއާ، އުރީދޫ މޯލްޑިވްސް، ޕާސަނަލް ކޮމްޕިއުޓާސް، އެފްއެސްއެމް، ލައިފް ސަޕޯޓް، ވެލްވޮލައިންގެ އިތުރުން މޯލްޑިވިއަން އަދި މޯލްޑިވް ގޭހެވެ. ޓެކާސްގެ ފުޓްސަލް މުބާރާތްތަކަކީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމް އަދި އެމްޓީޑީސީ އެންޑޯސް ކޮށްފައިވާ މުބާރާތްތަކެކެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް