ޚަބަރު

ގާދިއްފުށީގެ ފެނާއި ނަރުދަމާ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

މުހައްމަދު އިޝާން

ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

ގާދިއްފުށި ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ޕާކިން ޝެޑް ހެދުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.