ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް މަރާލި ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބެ) މަރާލުމުގައި ބައިވެރިވިކަން ސާބިތުވި ކުއްޖާ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
އައްޔުބޭގެ މަރާ ގުޅިގެން ދައުލަތުން ވަނީ ތިން ކުއްޖަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް 2017 ވަނަ އަހަރު އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދެން ހުރި ކުއްޖާގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ބެލުމަށްފަހު ހުކުމްކުރީ އެ ކުއްޖާގެ މައްޗަށް ސާބިތުވަނީ ގަސްދުގައި މީހަކު މަރާލަން ބައިވެރިވިކަމުގެ ކުށް ކަމަށެވެ. ދައުލަތުން އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށެވެ.
އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން އެ ކުއްޖާ ބޮޑުވަންދެން ޖުވެނައިލް ކޯޓުން ނިންމީ އަދަބު ކަނޑައެޅުން ފަސްކޮށް، ޖަލުގައި ބޭތިއްބުމަށެވެ.
ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، މިދިޔަ މަހުގެ ފަހުކޮޅު ޖުވެނައިލް ކޯޓުން ނިންމީ އެ ކުއްޖާއަށް ގާނޫނީ އަދަބެއްގެ ގޮތުން ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް އެ ކުއްޖާ މިހާތަނަށް ބަންދުގައި ނުވަ އަހަރާއި 11 މަސް ދުވަސް ހޭދަކޮށްފައިވާތީ ކޯޓުން ނިންމީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު އަދަބެއް ނެތް ކަމަށެވެ.
ކުއްޖާ ތަންފީޒުކުރާނެ އަދަބެއް ނެތްކަމަށް ހުކުމްހުރިއިރު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކުއްޖާ ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.