ޚަބަރު

މަޖިލީހުގައި އަންހެން ބޭފުޅުނަށް ވަކި ކޯޓާއެއް ކަނޑައަޅަން ބައެއް މެންބަރުން ވާހަކަ ދައްކަވައިފި

އިބްރާހިމް ޒަކީ

1

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި އޮންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުުގައިވެސް އަންހެން ބޭފުޅުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައަޅަން ބައެއް މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

މެންބަރުން އެކަމަށް ވާހަކަ ދެއްކެވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާ، މަޖިލިސް މެންބަރުން 87 އަށްވުރެން އިތުރު ނުވާގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.

މި އިސްލާހަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހެކެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގައި މެންބަރުން ތަމްސީލު ކުރާގޮތަށް ގާނޫނުއަސާސީގައި ހިމެނީ، އޭގެ ކުރިން އޮތް ކޮންމެ އިދާރީ ދާއިރާކަށް ދެ މެންބަރެއް ތަމްސީލުކުރާގޮތަށް އޮތުމުން އާބާދީ ބޮޑު މާލެއާއި އައްޑޫފަދަ ދާއިރާތަކުންވެސް ދެ މެންބަރުން އަދި އާބާދީ ކުޑަ ދާއިރާތަކުން ވެސް ދެ މެންބަރުން މަޖިލީހުގައި ތަމްސީލުވާގޮތަށް އޮތުމަކީ އިންސާފަކަށް ނުވާތީ ހަމަހަމަ އުސޫލަކުން މަޖިލީހުގައި މެންބަރުން ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެން އިތުރު ނުވާގޮތަށް ހަދާއިރު އެ 87 މެންބަރުން އިދާރީ ދާއިރާތަކަށް ބަހާނީ ކޮން ގޮތަކަށްތޯ ބަލަންޖެހޭ ކަމަށާއި، އޭރުން ދިމާވާނެ އިދާރީ މައްސަލަތައް ބަލަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އޮތް އިސްލާހުން މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާއަށް މެންބަރުން ކަނޑައެޅުމުގައި، ބަދަލު ގެންނައިރު، ކޮންމެވެސް މިންވަރަކަށް އަންހެން މެންބަރުންނަށް ޖާގަ ލިބޭގޮތަށް ހަމަޖެއްސުމަކީ މުހިއްމުކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، މަޖިލީހުގައި މިހާރު ހަތަރު އަންހެން މެންބަރުން ތަމްސީލުކުރާއިރު، އެއީ ހަތަރު ޕަސެންޓް ހަމަނުވާ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަންހެނުން ބާރުވެރިކުރުމަށް، ގާނޫނުހަދައި މަޖިލީގުގައި އަންހެނުންގެ ބަސް އިތުރުކުރުމަށް ފުރުސަތު އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު ގެންނައިރު، މަޖިލީހުގައި މުޅި ރައްޔިތުން ތަމްސީލު ކުރެވޭގޮތަކަށް އެކަން އޮންނަން ޖެހޭ ކަމަށެވެ. މަޖިލީހުގައި މިހާރު ހަތަރު އަންހެން މެންބަރުން ތަމްސީލު ކުރަމުން ގެންދަވަނީ، ފިރިހެން ބޭފުޅުންނާ ވާދަކުރައްވައިގެން ކަމަށްވީ ނަމަވެސް، ރާއްޖޭގައި ސިޔާސީ ކަންކަން އޮންނަ ގޮތުން ސިޔާސީ ކަންކަމުގައި ފިރިހެނުންގެ މައްޗަށް ކުރި ހޯދުމަކީ އަންހެން ބޭފުޅުންނަށް އެހާ ފަސޭހަކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގައިވެސް އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައަޅަން ޖެހޭކަަމަށް ވެސް ނިޔާޒް ވިދާޅުިވިއެވެ.