ޚަބަރު

މަޖިލީހުގައި 174 ގޮނޑި ހުންނަން ޖެހޭ: ޖާބިރު

އިބްރާހިމް ޒަކީ

ރައްޔިތުން މަޖިލީހުގައި 174 ގޮޑި ހުންނަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރުއޮތް 87 މެންބަރަށްވުރެން އިތުރު ނުވާގޮތަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިއަދު ހުށަހެޅުއްވި، ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ދާން ޖެހޭނީ ރެފަރެންޑަމަކަށް ކަމަށެވެ.

ޖާބިރު ވިދާޅުވީ، އެއީ އޭނާ ގަބޫލު ކުރައްވާ އިސްލާހެއްނޫން ކަމަށެވެ. އެ އިސްލާހަކީ މާމިގިލީ ދާއިރާއަށް ދެގޮނޑި އުފަންވާތީ ގާސިމް ހުށެހެޅުއްވި އިސްލާހެއް ކަމަށްވެސް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

"މާމިގިލީ ދާއިރާއަށް ދެގޮނޑި އުފަންވާތީ ގާސިމް އިބްރާހިމަށް ގާނޫނުއަސާސީ އުފަންކުރާ ދުވަހެއްނޫން މިއަދަކީ، ގަބޫލެއްނޫން މިކަމެއް،"

މި އިސްލާހަކީ ޑިމޮކްރަސީ ފަހަތަ ދިއުންކަމަށާއި، މިކަމުގެ ސަބަބުން ބައެއް ދާއިރާތައް މަޖިލީހުގައި ތަމްސީލުވެގެން ނުދާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ކާށީދޫ ދާއިރާގައިވެސް ދެ މެންބަރުން ތިބެން ޖެހޭނެ، އޭރުންތާ އެއް މެންބަރު ނައިސިއިއްޔާ އަނެއް މެންބަރަށް އާދެވޭނީ،"

ޖާބިރު ވިދާޅުވިގޮތުގައި، މަޖިލީހުގައި 174 މެންބަރުން ތިބެން ޖެހެނީ، ރާއްޖޭގައި ތިބެނީ ފަސްލައްކައެއްހާ މީހުން ކަމަށްވިޔަސް، ރާއްޖޭގެ އަސްލު އާބާދީއަކީ 1.5 މިލިއަން މީހުން ކަމަށެވެ.

އަށްޑިހަ ހަތްމެންބަރުން މަޖިލީހުގައި ތިބިއިރު ޖަލްސާއަށް ވަޑައިގަންވާ މެންބަރުންގެ މަދުކަން ފާހަގަކުރާއިރު، މެންބަރުންގެ އަދަދު 87އަށް ލިމިޓް ކުރުމުން ކުރިއަށްއޮތް ތަނުގައި މަޖިލިސް ނުވަސް ހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ގާނުނުއަސާސީއާ ހިލާފު މައްސައެއް މިކަމުގައި ދާން ހޭނީ ރެފަރެންޑަމްއަށް، މިކަމުގައި ރައްޔިތުންގެ ގާތަށް ދާން ޖެހޭނީ، މި މައްސަލައިގައި އެމީހުންގެ ރެޕްރެޒެންޓޭޝަން މިތަނުގައި އޮންނާނެގޮތް ނިންމާނީ ރައްޔިތުން އަމިއްލައަށް. މިއީ ރައްޔިތުންގެ މަޖިލިސް މިއީ ކޯލީޝަންގެ މަޖިލީހެއްނޫން މި މައްސަލަ ރައްޔިތުންގެ ކައިރިއަށް ނުގޮސް ނިންމައިގެންނުވާނެ،" ޖާބިރު ވިދާޅުވިއެވެ.