ޚަބަރު

އައިލެންޑް ބެވަރޭޖަސްއިން ކުޅުއްދުއްފުށްޓަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފި

މުހައްމަދު އިޝާން

އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން ކުޅުއްދުއްފުށި ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފިއެވެ.

އައިބީއެމްއިން މިއަދު ބުނީ ކުޅުއްދުއްފުށީގައި ރައްކާތެރި ގޮތުގައި ޕްލާސްޓިކް ފުޅި ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން "ތާޒާ ވެށި" ޝިއާރުގެ ދަށުން އެ ސިޓީގެ، ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް މިއަދު ހަދިޔާކޮށްފައިވާ ކަމަށެވެ.

ކުޅުއްދުއްފުށީގެ ފެން އުފައްދާ ކާރުހާނާގައި ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން އެ މެޝިން ކައުންސިލަށް ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރުއެވެ. އަދި ކައުންސިލްގެ ފަރާތުން މެޝިނާ ހަވާލުވެވަޑައިގަތީ މޭޔަރު މުހައްމަދު އާތިފެވެ.

އައިބީއެމުން ބުނީ ކުޅުއްދުއްފުށީ ކައުންސިލާއެކު މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލުން ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުމަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އައިބީއެމް އާއި ކައުންސިލުން ގުޅިގެން ޕްލާސްޓިކާ ދެކޮޅަށް އެސިޓީގައި ކުރެވޭނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

"ތާޒާ ވެށި" ކެމްޕޭނުގެ މަގުސަދަކީ އުކާލެވޭ ޕްލާސްޓިކް މިންވަރު މަދުކުރުމާއި ދެވަނަ ފަހަރަށް ޕްލާސްޓިކް ބޭނުންކުރުމަށް ހިތްވަރުދިނުމާއި ޕްލާސްޓިކް ނުހިމެނޭ އުފެއްދުންތައް އާންމުންނަށް ހޯދައިދިނުން ކަމަށް އައިބީއެމުން ބުންޏެވެ.