މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނިގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާނީ އަވަހާރަވީ 70 އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށްފަހު އުމުރުފުޅުން 96 އަހަރުގައެވެ. ރާނީ އަވަހާރަވުމުން އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް ތިންވަނަ މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހަށް ދައުވަތު ލިބިވަޑައިގެންފައިވާކަމަށާއި ޖަނާޒާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރާނީގެ ހަށިކޮޅު ސްކޮޓްލެންޑުގެ ވެރިރަށް އެޑިންބަރާއިން ލަންޑަނަށް ވައިގެ މަގުން މިއަދު ގެންދާނެއެވެ. ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގައި އެކަމަނާގެ ހަށިކޮޅު ބޭއްވުމަށް ފަހު މާދަމާ ރާނީގެ ހަށިކޮޅު ވެސްޓްމިންސްޓާ ހޯލަށް ގެންދާނެއެވެ. އަދި އަންނަ ބުރާސްފަތިން އާދިއްތަ ދުވަހުގެ ނިޔަލަށް ރާނީގެ ސަންދޯއް ވެސްޓްމިންސްޓާ ހޯލުގައި ބާއްވާފައި އޮންނާނެއެވެ. އެއަށްފަހު ރާނީގެ ޖަނާޒާ އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް ރާއްޖޭގައި ކަނޑައަޅުއްވައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރައްވަން ނިންމަވައިފައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އިނގިރޭސި ރާނީގެ ޒައާމަތުގައި އެކަމަނާ ވަނީ ރާއްޖެއަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ، 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.
ރާނީ އަވަހާރަވި އިރު، އެކަމަނާގެ 3 ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ 8 ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ
ޚަބަރު
ޚަބަރު
ޚަބަރު