ރާއްޖޭގައި ދޫކުރާ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އިއްޔެއިން ފެށިގެން މެލޭޝިއާގައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ރާއްޖެއިން ދޫކުރާ އެއްގަމު އުޅަނދުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.
މެލޭޝިއާގައި ހުންނަވައިގެން އެދުވަހު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި ޒިޔާރަތްކުރާ ގައުމަކަށްވާއިރު، މިގޮތަށް ހަމަޖެއްސުމުގެ ސަބަބުން ދިވެހީންނަށް ވަރަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ
މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދަކަށް މެލޭޝިއާގެ ރައްޔިތުންވެސް ދިރިއުޅޭ ގައުމަކަށްވާއިރު، މިއީ އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ހިތްހަމަޖެހުމަކާއި ފަސޭހައެއް ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު މެލޭޝިއާގެ ރައްޔިތުންނަށް އެ ގައުމުން ދޫކުރާ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށާއި އަދި މި ކަމުން ދައްކައިދެނީ ދެގައުމުގެ ދެމެދުގައި އޮތް އިތުބަރާއި ބަދަހި ގުޅުން ކަން ވެސް ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރާއްޖޭގައި ދޫކުރާ އިންޖީނުލީ އެއްގަމު އުޅަނދުގެ ހުރިހާ ލައިސަންސެއްވެސް ބޭނުންކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރެއްވީ، ނިއުޔޯކުގައި މިދިޔަ ޖުލައި މަހު ކުރިޔަށް ދިޔަ ގްލޯބަލް ރޯޑް ސޭފްޓީ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޮންގް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު